ކުޅިވަރު

ކޮލިފައިން މެޗުތައް ފަސްވުމަކީ ވަރަށް ބޮޑު ރަނގަޅެއް: ޗައިނާ


ވަރލޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްވުމަކީ ލިބުނު ވަރަށް ބޮޑު ފައިދާއެއްކަމަށް ޗައިނާގެ ގައުމީ ޓީމުން ބުނެފިއެވެ.

އެ ގައުމުން ބުނީ 2002ގެ ފަހުން ފުރަތަމަ ފަހަރަށް ވަރލްޑް ކަޕަށް ކޮލިފައިވުމަށް ޗައިނާއިންކުރާ މަސައްކަތަށް ތައްޔާރުވާން މެޗުތައް ފަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ޗައިނާއިން ބުނީ އޮކްޓޫބަރާއި ނޮވެމްބަރު، މަހު ވަރލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ޖެހުމުން ތައްޔާރުވާން ދަތިތަކެއް ހުރިކަމަށެވެ. ސަބަބަކީ އެ ދުވަސްވަރު އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭތީވެ ކުލަބުތަކަށް ކުޅުންތެރިން ދޫކުރަންޖެހުމުން ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް މެޗުތައް ފަސްވުމުން މިފަދަ ކަންކަމާދިމާނުވެ ގައުމީ ޓީމަށް ހުސްވާން ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އޭޝިޔާގެ ވަރލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރީ އޭޝިއާގެ ގައުމުތަކުގައި ކޯވިޑް-19 ބާރަށް ފެތުރެމުންދާތީއެވެ. ކޮލިފައިން މެޗުތައް ފަސްކުރީ ޗައިނާ އާއި ފިލިޕީންސް އަދި ގުއާމާއެކު ކުޅެންޖެހޭ މެޗުތަކަށް ރާއްޖެއިންވެސް ފަރިތަކުރުންތަށް ފަށާފައިވަނިކޮށެވެ. ނަމަވެސް ރާއްޖޭގައިވެސް މިވަގުތު ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ މެދުކަނޑާލާފައެވެ.