ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑް އިތުރުވަނީ


ޖޫންމަހުން ފެށިގެން ޗައިނާގެ ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން މަޢުލޫމާތުދޭ ގޮތުގައި މިދިޔަ ޖޫންމަހުން ފެށިގެން ޗައިނާގައި އޮޕަރޭޓްކުރަމުންދާ ފްލައިޓްތަކުގެ އަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން ޖޫންމަހު ތިން ސަތޭކަ ފަންސަވީސް ހާސް ފްލައިޓް އޮޕަރޭޓްކޮށްފައިވާއިރު، އެއީ ދުވާލެއްގެ މައްޗަށް ދިހަ ހާސް އަށްސަތޭކަ ވިހި ފްލައިޓްކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން މަޢުލޫމާތުދެއެވެ. އަދި މިއީ މިދިޔަ މޭމަހާ އަޅާބަލާއިރު 14.1 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ޗައިނާގެ ވައިގެ ދަތުރުފަތުރަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ޖޫންމަހު 30.73 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށާއި، މިއީވެސް މޭމަހާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެއްކަމަށް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންއިން މަޢުލޫމާތުދެއެވެ. އަދި ނިމުނު ޖުލައިމަހު 36.99 މިލިއަން ޕަސިންޖަރުން ދަތުރުކޮށްފައިވާއިރު، މިއީ ޖޫންމަހާ އަޅާބަލާއިރު 20.35 އިންސައްތައިގެ އިތުރުވުމެކެވެ.

ކޯވިޑްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސް އޮތުމަށްފަހު، ޗައިނާއަކީ އިޤްތިޞާދީ ހަރަކާތްތައް އެންމެ އަވަހަށް ފެށި ޤައުމެވެ. ޗައިނާގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުންދާއިރު، އެޤައުމުގެ އިމްޕޯޓާއި އެކްސްޕޯޓްވެސް ދަނީ އިތުރުވަމުންނެވެ.