ވިޔަފާރި

އިންކަމް ސަޕޯޓް އިނާޔަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިނާޔަތަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފި


ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އިނާޔަތަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދެވަނަ ފިޔަވަހީގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރުމަހަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ ދެވަނަ ފިޔަވަހީގައި މި އެލަވަންސް އަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި https://jobcenter.mv މެދުވެރިކޮށް އޮންލައިން ފޯމަކުންކަމަށެވެ. އަދި އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓަރ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް އެމިނިސްޓްރީން އެދެއެވެ. އަދި އީފާސްގައި ރަޖިސްޓްރީވުމާ އެޕްލިކޭޝަން ހުށަހެޅުމާބެހޭ ތަފްސީލް ޖޮބްސެންޓަރގައި ޝާއިޢުކުރެވިފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ޖުލައިމަހުގެ އިނާޔަތަށް ޝަރުތު ހަމަވާނެ ކަމަށެވެ. އަދި ޖުލައިގެ އިނާޔަތަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓު ކަމަށެވެ. އަދި އޮގަސްޓުމަހުގެ އިނާޔަތަށް ޝަރުތު ހަމަވާނީ އޯގަސްޓްމަހުގެ 1 އިން 31 އޯގަސްޓް ގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކެވެ. މި އިނާޔަތަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 31 އޮގަސްޓެވެ.

މީގެއިތުރުން 1 ސެޕްޓެމްބަރުން ފެށިގެން 30 ސެޕްޓެމްބަރުގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް އިނާޔަތްތަކަށް އެދި ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށްވެސް މިހާރުވަނީ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެމްބަރު 2019ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށަހެޅޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޯވިޑް-19 އާ ގުޅިގެން މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން އާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

މީގެއިތުރުން ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ މީހެއްކަމުގައި ވާންޖެހޭނެކަމަށާއި، ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ މީހަކަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ މީހަކަށް ވާންޖެހޭނެކަމަށްވެސް ސަރުކާރުގެ ފަރާތުން ޢިނާއަތް ދޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.