ޚަބަރު

ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި


  • އެއްބަސްވުމުގެ މަސައްކަތް ފެށީ ރައީސް ތުރުކީވިލާތަށް 2023 ގައި ކުރެއްވި ދަތުރުފުޅުގެ ތެރެއިން

  • ޕީޓީއޭއަށް ޢަމަލުކުރަން ފަށާފައިވަނީ ދެޤައުމު ދެމެދު ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ފަހު

ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމު ޢަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރިކީވީލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

ސަރުކާރުން ވިދާޅުވީ، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ރަސްމީ ތާރީޚަކީ 01 އޮގަސްޓު 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، އެ ތާރީޚުން ފެށިގެން މި އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފަައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީވީލާތަށެވެ. އެމަނިކުފާނު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ވިޔަފާރިއާއި އިންވެސްޓްމެންޓް ދައިރާ ހިމެނޭހެން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ މިމަޝްވަރާތަކުގައި ތަޞައްވުރު ކުރެވުނު ކަންކަން ހާސިލްކޮށް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް، އެޅުނު ފިޔަވަޅެއް ކަމަށެވެ.

ދެ ޤައުމުގެ ރައީސުންގެ ބައްދަލުވުމަށްފަހު ކުރެވުނު މަޝްވަރާތަކަށް ފަހު "މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް" ގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރު ނޮވެންބަރު މަހުއެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އައު ވިޔަފާރީގެ ފުރުޞަތުތަކަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ދެ ޑިއުޓީ މަޢާފްވެ ނުވަތަ ކުޑަކުރެވިގެންދާނެއެވެ. މީގެ އިތުރުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިޔަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ހުޅުވިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.

ތުރުކީވިލާތުން އެކި ބާވަތްތަކުގެ މުދާ އެތެރެކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވަނީ އެއްބަސްވުމުގެ ދަށުން އަސާސީ ކާބޯތަކެތި އެ ޤައުމުން އެތެރެކުރުމަށް ލުއިތަކެއް ލިބި، އިމްޕޯޓް މުދާ އެތެރެކުރާ މާކެޓުތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގު ހިފަހައްޓާ ރާއްޖޭގެ އެކްސްޕޯޓް ސިނާޢަތް ވަރުގަދަވެގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.

އިޤްތިޞާދީ ވުޒާރާއިން ވަނީ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ދެ ޤައުމުގެ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާ ފާގަތިކަން ހާސިލްކުރުމަށް ލިބިގެންދާ ފުރުސަތެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި އެއްބަސްވުމުން ރަމްޒުކޮށްދެނީ، އެކްސްޕޯޓް ކުރާ ފަރާތްތަކަށް މާކެޓްތައް ހުޅުވާލައި، އަސާސީ މުދާ އިތުބާރާއެކު ލިބޭނެ މަގު ކަށަވަރުކޮށް، އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކޮށް، އަދި ދެމެހެއްޓެނިވި އަދި ހުރިހާ ދާއިރާއެއް ހިމެނޭ އިޤްތިޞާދީ ތަރައްޤީއަކަށް މަގުފަހިކޮށްދޭ ފަދަ، ދެފަރާތަށްވެސް ފައިދާހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ބައިވެރިވުންތައް ޤާއިމުކުރުމަށް ދެ ޤައުމުންވެސް ދެމިތިބި ކަން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.