ޚަބަރު

އައްޑޫގައި އިކޯ ޓުއަރިޒަމް ޒޯން ޤާއިމު ކުރުމަށް 3 ކުންފުންޏަކާއި ހަވާލުކޮށްފި


އައްޑޫގެ ފަސް ސަރަހައްދެއްގައި އިކޯ ޓުއަރިޒަމް ޒޯން ތަރައްޤީ ކުރުމަށް 3 ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

އިންޑިޔާގެ އެހީގައި އިކޯ ޓުރިޒަމް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ފޭދޫއާއ، މަރަދޫއާއި، ހިތަދޫއާއި، ހުޅުދޫ އާއި މީދޫގައެވެ. ކޮމިއުނިޓީ ބޭސްޑް އިކޯ ޓޫރިޒަމް ތަރައްޤީ ކުރުމުގެ މަޤްސަދުގައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރެއިން ހިތަދޫ ފަޅޯ ދަނޑިފަންނުގައި ޓޫރިޒަމް ޒޯން ޤާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީކޭ ޑިވެލޮޕްމަންޓާއެވެ. ޖުމްލަ 6.9 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫޢު 150 ދުވަސް ތެރޭ ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މަރަދޫ ވެންބޮޅަފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އާއި، ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން ޤާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، އައިރިން އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ ތެރެއިން މަރަދޫ ވެންބޮޅަފިށީގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމަށް 3.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާއިރު، 70 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށްވަނީ ކަނޑައަޅާފައެވެ. ފޭދޫ ދިގިހެރައިގައި މިޒޯން ތަރައްޤީކުރުމުގެ މަސައްކަތް 60 ދުވަސްތެރޭ ނިންމުމަށް 5.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހުޅުދޫ މާފިށިގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން އަދި މީދޫ މުލިމަތިގައި މިޒޯން ޤާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިދެ ޒޯންގެ މަސައްކަތް 45 ދުވަސް ތެރޭ ނިންމަން ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މީދޫ ޒޯނަށް 3.5 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު، ހުޅުދޫ ޒޯނަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 3.7 މިލިއަން ރުފިޔާއެވެ.

އިކޯ ޓުއަރިޒަމް ޒޯން ތަރައްޤީ ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި ފޮރިން ސެކްރެޓަރީ، ޢަބްދުލްޣަފޫރު މުޙައްމަދާއި، ރައީސް އޮފީހާއި އިންޑިޔަން ހައިކޮމިޝަންގެ އޮފިޝަލުންގެ އިތުރުން އައްޑޫއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އޮންލައިކޮށް ބައިވެރިވެވަޑައިގެންފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކާއި ބަލާއިރު ގެސްޓު ހައުސް ވިޔަފާރި ތަރައްޤީކުރުމަށް އައްޑޫއަށް ދެވުނު މުއްދަތު ލަސް ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫގެ ގިނަ ޒުވާނުން ހަރަކާތްތެރިވާއިރު، މިއީ ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރުމަށް މިޒުވާނުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ. މޭޔަރގެ ވާހަކައިގައި އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީތެރިކަމާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އައްޑޫގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް އަވަސް މުއްދަތެއްގައި ފެށިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، އައްޑޫގައި އިކޯ ޓުއަރިޒަމް ޒޯން ތަރައްޤީ ކުރުމުގެ އިތުރުން ގޭދޮށު މަސްޕްލާންޓާއި އެކު މުޅި 8 މަޝްރޫއެއް އެޗް.އައި.ސީ.ޕީ.ޑީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބި، ވަޒީފާގެ ބާޒާރަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

މިމަޝްރޫޢު ތަކަކީ، އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއަށް ފޯރުކޮށްދީފައިވާ (5.5 މިލިއަން ޑޮލަރު)ގެ އެހީގެގައި ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. އިންޑިއާ ސަރުކާރުގެ މިގްރާންޓް އެހީގެ ދަށުން ހައި-އިމްޕެކްޓް 9 މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ.