ޚަބަރު

ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ޑރ ޢާޞިމް އަޙްމަދު


ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ގަލޮޅު ފަރުކަނި ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަން ކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ޑރ. ޢާޞިމަށް މަޤާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މަޤާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑރ. ޢާޞިމް އަޙްމަދު މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ. ޑރ. ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ޑރ.އާސިމް އަހުމަދުވަނީ ދެއްވާފައެވެ.

ޑރ. ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.