ޚަބަރު

ކޯވިޑް-19 : އައްޑޫސިޓީ ހިތަދޫ ފުރަބަންދުގެ ހާލަތު އުވާލައިފި


އައްޑޫސިޓީ ހިތަދޫގެ ފުރަބަންދުގެ ހާލަތު އުވާލައިފިއެވެ.

ހިތަދޫ ފުރަބަންދު އުވާލިކަން އަންގާ އެޗްޕީއޭއިން އައްޑޫސިޓީ ކައުންސިލަށް ފޮނުވި ލިއުމުގައި ވިދާޅުވީ، ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ހިތަދޫ މޮނިޓަރިންގް ހާލަތުގައި ދަމަހައްޓަން ޖެހޭ އިތުރު ސަބަބެއް ނެތުމާއި އެކު މޮނިޓަރިންގް ހާލަތު އުވާލާފައިވާ ކަމަށެވެ. މޮނިޓަރިން ހާލަތު އުވާލާފައި މިވަނީ މޮނިޓަރިންގް އަށް ލީތާ 24 ގަޑިއިރު ފަހުންނެވެ.

ހިތަދޫ މޮނިޓަރިންއަށްލައި އަރާ ފޭބުން މަނާ ކޮށްފައިވަނީ އާދީއްތަ ދުވަހު މެނދުރެއްްހާއިރުއެވެ. ހިތަދޫއަށް އަރާ ފޭބުން މަނާ ކުރީ، ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ އަކު ޕޮޒިޓިވް ވުމާއި އެކުއެވެ. އޭގެ ފަހުން އިތުރު މީހަކުވެސް ހޯމް ކަރަންޓީނުގައި ހުއްޓާ ހިތަދޫން ވަނީ ޕޮޒިޓިވްވެފައެވެ.

ފުރަބަންދު އުވާލުމާއި ގުޅިގެން ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، މޮނިޓަރިން ހާލަތު އުވާލާފައިވަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ނިމުމާ ގުޅިގެން ކަމަށެވެ. ސާދާތު ވިދާޅުވީ، އައްޑޫން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ފަރާތްތައް ޓެސްޓު ކޮށްފައިވާ ކަމަށާއި، ދެން ޕޮޒިޓިވްވި 2 މީހުންނާ ކޮންޓެކްޓްވި ފަރާތްތައްވެސް ފާހަގަކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް އިތުރު ފަރާތެއް ޕޮޒިޓިވްވެފައި ނުވާ ކަމަށް ސާދަތު ވިދާޅުވިއެވެ.

ހިތަދޫ މޮނިޓަރިންގްއަށް ލުމާއި ގުޅިގެން ދެދުވަހަށް ހިތަދޫގެ ހުރިޙާ ސްކޫލެއް އިއްޔެވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުގެ އެދުމުގެ މަތީން ފުވައްމުލަކާއި ފޭދޫ އާއި ދެމެދު ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތައްވެސް ވަނީ މެދު ކަނޑާލާފައެވެ.

އައްޑޫސިޓީން ހޯމް ކަރަންޓީނުގައި ތިބި 3 ފަރާތެއް އަދީއްތަ ދުވަހު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ފޭދޫގައި ކަރަންޓީންގައި ހުރި ފިރިހެނަކާއި، ހިތަދޫގައި ހުރި ބިދޭސީއެއްގެ އިތުރުން ހިތަދޫގައި ކަރަންޓީންގައިޗހުރި އަންހެނެކެވެ. މިފަރާތްތައް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަައް އަޅަމުންދާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.