ޚަބަރު

ނުފޫޒު ފޯރުވުމަށް ޖާގައެއް ނުދޭނަން: ނިޢުމާތު


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަތުގައި ކުޑަކުއްޖެއްގެ ހައްޤަކަށް އުނިކަން ލިބޭނެ ނުފޫޒު ފޯރުވުމަށް ޖާގަނުދެއްވާނެކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތަށް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި ނިޢުމާތު ޝަފީޤު ވިދާޅުވީ، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރާ މިންވަރު ބަލައި، އެކަންކަމަށް ފާރަވެރިވާނެކަމަށެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުންވެސް އަދި އާއްމު މުޖުތަމަޢުވެސް ޤާނޫނަށް އަހުލުވެރިކޮށް، ޤާނޫނާއި ބެހޭ މައުލުމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ނިޢުމާތު ވިދާޅުވިއެވެ. އަދި ވުޒާރާތަކުގައި ހިނގާ ކަންތައްތަކުގެ ތެރޭގައި އެއްވެސްކަމެއް ޤާނޫނުގައި ހިމެނިފައި ވީނަމަވެސް، ޢަމަލީގޮތުން ކަންކަން ކުރިއަށް ނުގެންދެވޭނަމަ، އެކަންތައްތައް ފާހަގަކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޚިޔާލާ މަޝްވަރާ ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ނިޢުމާތު ވިދާޅުވިއެވެ.

ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކަށް ފާރަވެރިވާނެ އިތުރު ފަރާތެއް ނިޒާމުގެ ތެރެއިން އުފެދިގެން ދިއުން ވެގެންދާނީ މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ ފުރުޞަތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެއްފަހަރުން އަނެއް ފަހަރަށްދާއިރު ކުރިން އެ ރަނގަޅުކުރަން ބުނިކަމެއް ރަނގަޅުވަމުންދާކަމަށްވަންޏާ ހެޔޮ ބަދަލެއް އަންނަމުންދާނެ. ވަރަށް މުހިއްމުކަމެއްއެއީ. އަޅުގަނޑުގެ ވަރަށް މުހިއްމުކަމެއް، އަޅުގަނޑު އެބޭފުޅުންނާ އެއްކޮށް މިހާރު ހުރި ހުރިހާ މަސައްކަތެއް ބަލާ ކޮންކަމެއްތޯ ރަނގަޅުކުރަން ހުރީ، ކޮންކަމެއްތޯ އަޅުގަނޑުމެންގެ ޤާނޫނުގައި ފާހަގަކުރެވިފައި އެހެންނަމަވެސް މަސައްކަތުގެ ތެރޭގައި ކުދިންނާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހުރީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އިތުރު ލޭޔަރެއް އައުން އެކަމަށް ފެންވަރު ރަނގަޅުވެގެންދާނެކަމެއް" ނިޢުމާތު ވިދާޅުވިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތަކަކީ އެއްވެސް ފަރާތަކަށް ބުރަނުވެ، ކުޑަކުދިންގެ ހައްޤުގައި ކުރެވޭ މަސައްކަތްތަކަށް ހެދުމަކީ އަމާޒެއްކަމަށެވެ. އަދި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ ނުފޫޒުން އެއްކިބާވެ އޮވެ މަސައްކަތްކުރާނެތަނެއްކަމަށާއި، ކުޑަކުއްޖެއްގެ ހައްޤަކަށް އުނިކަން އަންނާނެހެން ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވާނެކަމަށް ނިޢުމާތު ވިދާޅުވިއެވެ.

"ޤަވާއިދަކާއި ޤާނޫނެއް އޮތްއިރު އަޅުގަނޑަކަށް އެ ފުރުޞަތެއް ނުދެވޭނެ އަޅުގަނޑު ކުރާ މަސައްކަތަކަށް އެހެން ފަރާތެއްގެ ބާރު ބޭނުންކޮށްގެން އެކަން ހުއްޓުވަން ނޫނިއްޔާމުން މަސައްކަތްކުރާކަށެއް އަޅުގަނޑު އެ ފުރުޞަތެއް ނުދޭނަން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑަށް ހަވާލުކޮށްފައި މިވަނީ ޤާނޫނެއް ތަންފީޒުކުރަން. ޤާނޫނުގައި ކަނޑައެޅިފައި ހުރި ކަންކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަން އަޅުގަނޑު މަސައްކަތްކުރާނީ. އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ކުއްޖެއްގެ ހައްޤު ގެއްލޭގޮތަކަށް މަސައްކަތް ކުރާކަށް ބޭނުމެއްނޫން. އަޅުގަނޑު ބަލާނީ ޤާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން" ނިޢުމާތު ވިދާޅުވިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ވަކި ވަކި މުއައްސަސާތަކާއިއެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެ އޮފީސް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނިޢުމާތު ވިދާޅުވިއެވެ.