ދުނިޔޭގެ ވިޔަފާރި

ހީނަރުކަމަށްފަހު ޖަރުމަންވިލާތުގެ އިޤްތިޞާދަށް ދިރުން


ކޯވިޑްއާ ގުޅިގެން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމަށްފަހު، އެޤައުމުގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުންދާކަމަށް ޖަރުމަންވިލާތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ޖަރުމަންވިލާތުގެ ފެޑަރަލް ސްޓެޓިސްޓިކްސް ބިއުރޯއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޖަރުމަންވިލާތުގެ އުފެއްދުންތެރިކަން ވަނީ ޖޫންމަހު 8.9 އިންސައްތަ އިތުރުވެފައެވެ. އަދި ޖަރުމަންވިލާތުގެ އެކްސްޕޯޓްވެސް 14.9 އިންސައްތަ އިތުރުވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

ޖަރުމަންވިލާތުގެ އެކްސްޕޯޓްއާއި އުފެއްދުންތެރިކަން އިތުރުވެފައިވާއިރު، ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްގެން ތިބީ އެއަދަދުތައް އެއަށްވުރެ ދަށަށް ދާނެކަމަށެވެ. ކޯވިޑްގެ ސަބަބުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޖަރުމަންވިލާތުގެ އިޤްތިޞާދު ވަނީ މިދިޔަ 50 އަހަރު ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. ނަމަވެސް މިހާރު އެޤައުމުގެ އިޤްތިޞާދު އަނެއްކާވެސް ކުރިއަރަން ފަށާފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖޫންމަހު ޖަރުމަންވިލާތުގެ އުފެއްދުންތެރިކަމާއި އެކްސްޕޯޓް އިތުރުވެފައިވާއިރު، ޖޫންމަހުގެ އިމްޕޯޓްވެސް ވަނީ 7 އިންސައްތަ އިތުރުވެފައެވެ. އަދި އެޤައުމުގެ ޓްރޭޑް ސަރޕްލަސް ވަނީ 15.6 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ މީގެ އަހަރެއްހާ ދުވަސްކުރިން އެ އަދަދު ހުރި މިންވަރެވެ.

ޖަރުމަންވިލާތުގެ އެންމެ ބޮޑު ސިނާޢަތްތަކަށް ބަލާލާއިރު، އޮޓޮމޯޓިވް އިންޑަސްޓްރީ ވަނީ 54.7 އިންސައްތަ ކުރިއަރާފައެވެ. އަދި އިމާރާތްކުރުމުގެ ސިނާޢަތް ވަނީ 1.4 އިންސައްތަ ކުރިއަރާފައެވެ.
ޖަރުމަންވިލާތުގެ އިޤްތިޞާދު ހީނަރުކަމަކަށްފަހު މަޑުމަޑުން ކުރިއަރަމުންދާއިރު، ފްރާންސް އަދި ސްޕެއިންގެ އިޤްތިޞާދުވެސް މަޑުމަޑުން ހަމައަކަށް އެޅެމުންދާކަމަށް ޚަބަރުތައް ބުނެއެވެ.