ޚަބަރު

އެތްލެޓިކޯ އަތުން ޔުނައިޓެޑް ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ.

މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު ކޯޗު މައިކަލް ކެރިކް ވަނީ 5 ބަދަލެއް ޓީމަށް ގެނެސްފައެވެ. އަދި މި ބަދަލުތަކާއިއެކު މި މެޗުގައި އެ ޓީމުން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެތްލެޓިކޯގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތް އެ ޓީމަށްވަނީ ނުވެފައެވެ.

އެތްލެޓިކޯ މެޑްރިޑްއިން ވަނީ މި މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު ޖަހާފައިވަނީ އެލެކްސް ބައެނާ ދިން ޕާހަކުން ޕަބްލޯ ބަރިޔޯސްއެވެ.

އެތްލެޓިކޯއިން ލަނޑު ޖެހި ނަމަވެސް ލީޑު ނަގަން މެންޗެސްޓަރ ޔުނައިޓެޑްގެ ބްރަޔަން އެމްބުއެމޯއަށްވަނީ ރަގަޅު ދެ ފުރުސަތެއް ލިބިފައެވެ. މީގެ އިތުރުން މާކަސް ރަޝްފޯޑްވެސް ވަނީ ރަގަޅު ފުރުސަތެއް ނަގާލާފައެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑަށް އުނދަގޫތަކާއި އިތުރަށް ކުރިމަތިލާން ޖެހުނީ މެޗުގެ 74 ވަނަ މިނިޓުގައި ޖޮނަތަން ޑޭވިޑް އަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ދެއްކި ރަތް ކާޑާއިއެކު އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. އެހެންކަމުން މެޗުގެ ފަހު 16 މިނިޓު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ޔުނައިޓެޑް އިން ކުޅެން ޖެހުމުގެ ފައިދާ ނަގާ އޭގެ ފަސް މިނިޓު ފަހުން އެތްލެޓިކޯ މެޑްރިޑްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޑެމޯލާ ލުކްމަން އެވެ.