ވިޔަފާރި

އެސް.ޓީ.އޯގެ ގްރޫޕް ކުންފުނިތަކުގެ ބައްދަލުވުން ބާއްވައިފި


އެސް.ޓީ.އޯގެ ގްރޫޕް ކުންފުނިތަކުގެ މިއަހަރުގެ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެސް.ޓީ.އޯގެ ގްރޫޕް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ހޮޓެލް ޖެންގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި އެސް.ޓީ.އޯ ގްރޫޕް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ 9 ކުންފުންޏަކުން ބައިވެރިވެފައިވާކަމަށް އެސް.ޓީ.އޯއިން މައުލޫމާތުދެއެވެ.މީގެތެރޭގައި ސްޓެލްކޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް، ފިއުލް ސަޕްލައި، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، ލަފާޖް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، އެސްޓީއޯ (މޯލްޑިވްސް) ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް، އަދި އެސްޓީއޯ ހޮޓެލްސް އެންޑް ރެޒޯޓްސް  ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުންދާ ބައްދަލުވުމުކެވެ. އެކުންފުނިން ބުނީ، މި ބައްދަލުވުމުގެ ބޭނުމަކީ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް އެއް ވިސްނުމެއްގެ ދަށުން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި، ކުންފުނިތަކުގެ މަސައްކަތް އިތުރަށް ހަރުދަދާކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް މަޝްވަރާކުރުން ކަމުގައެވެ. މިއަހަރުގެ ބައްދަލުވުމުގައި ގްރޫޕްގެ ކުންފުނިތަކުގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، މަންފާ ހޯދުމަށް މަޝްވަރާކުރެވިފައިވާކަމަށް އެސް.ޓީ.އޯއިން ހާމަކުރެއެވެ. އެގޮތުން މިހާރު ހުރި ދަތިތަކާއި ކަންކަން ސްޓްރީމް ލައިންކުރުމަށާއި، ގުޑް ގަވަރނަންސްގެ ރިވެތި އުޞޫލުތައް އެޑަޕްޓްކުރުމަށް ވާހަކަ ދެކެވި، ނިންމުންތަކެއް ނިންމާފައިވާކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.  ހަމަމިއާއެކު އިޖްތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢަށާއި، ޤައުމުގެ ތަރައްޤީއަށް ގްރޫޕް ލެވަލްގައި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އެސް.ޓީ.އޯއިން ބުނެއެވެ. އެސް.ޓީ.އޯއިން ބުނީ މިބައްދަލުވުމުގެ ސަބަބުން އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްގެ މަސައްކަތް އިތުރަށް ހަރުދަނާވެ، އެކުންފުނިތަކުން ގިނަ މަންފާތަކެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.