ޚަބަރު

ބައިރޫތުގައި ބޮޑެތި ގޮވުންތަކެއް ގޮވީ ފަރުވާކުޑަވުމުގެ ސަބަބުން


ލުބުނާނުގެ ބައިރޫތުގައި ބާރުގަދަ ގޮވުން ގޮވާފައިވަނީ ފަރުވާކުޑަކުރުމާއި އަޅައިނުލުމުގެ ސަބަބުންކަމަށް އެ ޙާދިޘާގެ އިބުތިދާޢީ ތަހުޤީޤުތަކުން ހާމަވެއްޖެއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 135 މީހުން މަރުވެ 5،000 މީހުންވަނީ ޒަޚަމުވެފައެވެ. ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނުގައި ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި 2،750 ޓަނުގެ އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައިހުރިކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުންގެ އިތުރުން ބޮޑުވަޒީރު ހަސަން ދިޔާބުވަނީ ވިދާޅުވެފައެވެ. އެމޮނިއަމް ނައިޓުރޭޓަކީ ގަސްކާނާއާއި ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރާ ބާރުގަދަ ކެމިކަލެކެވެ.

މައްސަލައާބެހޭ މަޢުލޫމާތު އެނގޭ ރަސްމީ މަސްދަރަކުން ބުނެފައިވަނީ ގުދަނުގައި ނުރައްކާތެރި މާއްދާއެއް ރައްކާކޮށްފައިވާކަން ސަރުކާރަށް އެނގޭކަމަށެވެ. ނަމަވެސް ގިނަ އަހަރުތައް ފާއިތުވިނަމަވެސް ރައްކާތެރިކަމާއެކު އެ ސާމާނު ގުދަންކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާ ބުންޏެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރީ 2014ވަނަ އަހަރުއެވެ.

އެހެން މަސްދަރަކުން ބުނިގޮތުގައި މީގެ ހަ މަސް ދުވަސް ކުރިން ޚާއްޞަ ޓީމަކުން އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައިހުރި ގުދަން ފާސްކޮށް ކުރިމަތިވެދާނެ ނުރައްކަލުގެ އިންޒާރު ކަމާބެހޭ ފަރާތްތަކަށް ދީފައިވެއެވެ. އެ ގުދަނުގައި ހުރި ސާމާނުގެ ސަބަބުން ބައިރޫތު އެއްކޮށް ބިމާ ހަމަކޮށްލާވަރުގެ ބާރުގަދަ ގޮވުމެއް ގޮވާފާނެކަމުގެ އިންޒާރުވަނީ ދީފައެވެ.

2016ވަނަ އަހަރާއި 2017ވަނަ އަހަރު ލުބުނާނުގެ ކަސްޓަމުންވަނީ އެ ސާމާނު ރައްކާތެރިގޮތެއްގައި ބަންދަރުން ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ކޯޓަށް ސިޓީ ފޮނުވައިފައެވެ. އޭގެ ކުރިން 2014ވަނަ އަހަރާއި 2015ވަނަ އަހަރުވެސް އެފަދަ ސިޓީތަކެއްވަނީ ފޮނުވައިފައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ދިޔާބުގެ އިތުރުން ރައީސް އައުންވަނީ އެ ޙާދިޘާ ހިނގި ގޮތް ފުރިހަމައަށް ތަހުޤީޤުކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ގުދަނުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކުރިކަމަށް ތުހުމަތުކުރެވިފައިވާ ބަންދަރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ގޭބަންދުކުރުމަށް ސަރުކާރުންވަނީ ނިންމައިފައެވެ.