ޢާންމު ތަންތަނުގައި މާސްކު ނާޅައިގެން މިހާތަނަށް 73 މީހަކު ޖޫރިމަނާކޮށްފައި ވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. 
އެސެންޓަރުގެ ތަރުމަނާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މާސްކު ނޭޅުމުގެ ސަބަބުން މިއަދު 272 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވާކަމަށާ، 52 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. މިއާއެކު މާސްކު ނާޅައިގެން މިހާތަނަށް ޖުމްލަ 642 މީހަކަށް ނަސޭހަތްދީ، 73 މީހަކު ޖޫރިމަނާކޮށްފައި ވާކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާސްކު ނާޅައި ޢާންމު ތަންތަނުގައި އުޅޭނަމަ އެމީހަކު 1000  ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 
މާލެ ސަރަހައްދުގައި މާސްކުއެޅުން މަޖްބޫރުކޮށްފައިވާއިރު އެކަމުން އިސްތިސްނާވަނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުއެވެ. މީގެއިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މީހުންވެސް މިއެންގުމުން އިސްތިސްނާވެއެވެ.
ފުރަބަންދަށް ދިން ލުއިތަކާގުޅިގެން ކޯވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ޒަރޫރީ ބޭނުމެތްނެތި ރޭގަނޑު 11ގެ ފަހުން ބޭރުގައިއުޅޭ މީހުންނަށް ފިޔަވަޅު އަޅާނެކަންވެސް އެޗްއީއޯސީން ވަނީ ހާމަކުރައްވާފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ޢާއްމު ޚިދުމަތް ދެމުން އަންނަ ތަންތަން ބަލައި އިންސްޕެކްޓްކުރުމަށްފަހު އުސޫލާ ޚިލާފަށް ހުންނަތަންތަން އަންނަނީ ވަގުތުން ބަންދުކުރަމުންނެވެ.