ޚަބަރު

އަމީތާބު ރަނގަޅުވެ ގެއަށް، އަބީޝެކް އަދިވެސް ހޮސްޕިޓަލްގައި


އަމީތަބު ބައްޗަން ކޯވިޑުން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ބޮލީވުޑްގެ ސުޕަރސްޓަރ އަމީތާބާއި ދަރިފުޅު އަބިޝެކް ބައްޗަށް ކޯވިޑަށް ޕޮޒިޓިވެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ އެގާރަވަނަ ދުވަހުގެ ރެއެވެ.

އަމީތާބު ހޮސްޕިޓަލުން ދޫކޮށްލިކަން ހާމަކޮށް ބިގްބީ ކުރި ޓްވީޓްގައި ވަނީ ދެވަނަ ފަހަރަށް ކޯވިޑަށް ޓެސްޓްކުރުމަށްފަހު މިހާރު ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މިވަގުތު ހުރީ ގޭގައި ކަރަންޓީނުގަައި ކަމަށާއި ހޮސްޕިޓަލުން ދިން ހިދުމަތްތަކަށް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާކަމަށްވެސް އަމީތާބު ބުނެފައިވެއެވެ.

އަމީތާބްގެ ޓުވީޓް

އަމީތާބު ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަބީޝެކް އަދިވެސް އޮތީ ހޮސްޕިޓަލްގައެެވެ. ދެވަނަ ފަހަރަށް ކުރި ޓެސްޓުންވެސް ޕޮޒިޓިވްކަމަށް ދައްކާފައިވާކަމަށް އަބީޝެކް އޭނާގެ ފޭނުންނަށް ދޫކޮށްލި ޓްވީޓްގައިވެއެވެ.

އަބީޝޭކްގެ ޓުވީޓް

އަމީތާބާއި ދަރިފުޅު އަބީޝެކްގެ އިތުރުން ޅީ ދަރިފުޅު އައިޝްވަރިޔާ ރާއި އާއި ކާފަ ދަރި އަރާދްޔާވެސް ކޯވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އައިޝްވަރިޔާގެ ދެ މައިން ކޯވިޑަށް ޕޮޒިޓިވްކަން އެގުނީ ދެވަނަ ޓެސްޓެއް ހެދުމުންނެވެ.

މި ދެމައިންނަށް ފުރަތަމަ ފަރުވާ ދިނީ ގޭގައި ބައިތިއްބައިގެންނެވެ. އެހެންނަމަވެސް ހުން އަންނަން ފެށުމުން މި ދެމައިންވެސް ހޮސްޕިޓަލްގައި އެޑިމިޓްކޮށް ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 27 ވަނަދުވަހުއެވެ.

އަމީތާބު ކޯވިޑަށް ޕޮޒިޓިވްވުމުން އޭނާގެ އާއިލާއާއި އެގޭގައި މަސައްކަތްކުރާ އެންމެންވެސް ވަނީ ބައްޔަށް ޓެސްޓްކޮށްފައެވެ. އެހެންނަމަވެސް އިތުރު އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވްފައެއް ނުވެއެވެ.

އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް " ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.