ޚަބަރު

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި


ކަނޑުގައި ދުއްވާ ރާއްޖޭގެ އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި 12 މާރިޗު 2020 ގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަތުގެ ހާލަތު އިޢުލާންކޮށްފައި ވާތީ، 1 މާރިޗު 2020 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށެވެ.

މިގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދު ފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށްފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި 31 އޯގަސްޓް 2020 ކުރިން މުއްދަތު ހަމަވެފައިވާ ސަލާމަތާބެހޭ ސެޓުފިކެޓްތައް އައުކުރުމަށް ހުށަހެޅުއްވުމަށްވެސް އެތޯރިޓީން ވަނީ އަންގަވާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރިޗު 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 އޯގަސްޓް 2020 ގެ ކުރިން ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ، އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ކަނޑައަޅާފައިވާކަމަށެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް، އެ ލައިސަންސްގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރުކޮށްދީ، އަދި މުއްދަތު ހަމަވެފައިވާ ލައިސަންސްތައް އައުކުރުމަށް ހުށަހެޅުއްވުމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން އެދިފައި ވެއެވެ.