ޚަބަރު

މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ކިޔަވާ ކުދިންނަށް ޚާއްސަ ޗާޓަރ ފްލައިޓެއް ބާއްވަނީ


މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ކިޔަވާ ކުދިންނަށް އޭސް ޓްރެވަލްސްގެ ފަރާތުން ޚާއްސަ ޗާޓަރ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން އޭސް ޓްރެވަލްސްގެ އޮފިޝަލަކު ވިދާޅުވީ، މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ކިޔަވާކުދިންނަށް ޚާއްސަކޮށްގެން ޗާޓަރ ފްލައިޓެއް ބޭއްވުމަށް ނިންމީ، ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތީންކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މެލޭޝިއާގެ ކުއާލަލަމްޕޫރަށް ބާއްވާ މި ޗާޓަރ ފްލައިޓް އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހުކަމަށެވެ.

އޭސް ޓްރެވަލްސްއިން ބުނީ ރާއްޖޭގައި ތިބި މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ މި ދަތުރުކުރުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ A320 މަރުކާގެ މަތިންދާ ބޯޓެއް ޗާޓަރކޮށްފައި ވާކަމަށެވެ. އަދި މި ފްލައިޓުން މެލޭޝިއާއަށް ދިއުމަށްޓަކާ ގާތްގަނޑަކަށް 70 ވަރަކަށް ދަރިވަރުން މިހާރުވެސް ޝީޓްބުކްކޮށްފައި ވާކަމަށެވެ.

މާލެއިން ކުއާލަލަމްޕޫރަށް ޗާޓަރ ފްލައިޓެއް ބާއްވަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ލަންކާގައި ތިބި މެލޭޝިއާގައި ކިޔަވާ ދަރިވަރުންވެސް، ލަންކާއިން މެލޭޝިއާއަށް ސީދާ ދަތުރުނުކުރާތީ، މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުން އެނބުރި ދާން ބޭނުންވެގެން، ޝަޢުގުވެރިކަން ފާޅުކުރަމުންދާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކިގޮތެއް ނުނިންމާކަމަށާއި، އެކުންފުނީގެ މައިގަނޑު ވިސްނުންހުރީ މި ފްލައިޓުން ދިވެހި ކިޔަވާ ކުދިންނަށް އިސްކަން ދިނުމަށްކަމަށްވެސް އޭސް ޓްރެވަލްސްއިން ބުނެއެވެ.

އަންނަމަހުގެ 17 ވަނަ ދުވަހު ބާއްވާ މި ޗާޓަރ ފްލައިޓުން މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޭސް ޓްރެވަލްސްއިން ވަނީ ހުޅުވާލާފައެވެ. މި ފްލައިޓާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3336886 ނުވަތަ 7931334 އަށް ގުޅައިގެން އޮޅުންފިލުވުމަށް އޭސް ޓްރެވަލްސްއިން ވަނީ އެދިފައެވެ.

ސްރިލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޓްރެވަލް އޭޖެންޓްކަން ކުރާ އޭސް ޓްރެވަލްސްއިން މީގެ ކުރިންވެސް ވަނީ ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ޗާޓަރ ދަތުރުތަކެއްކޮށްފައެވެ.