ޚަބަރު

ތައިލެންޑުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފި


ކޯވިޑް-19އާ ގުޅިގެން ތައިލެންޑުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ދަމަހައްޓަން ނިންމައިފިއެވެ.

ތައިލެންޑުގެ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ މުޖުތަމަޢުގެ ތެރޭގައި ބަލި ނުފެތުރޭތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ހަމަވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ޢާންމުންގެ ގިނަ ބަޔަކުވަނީ ކުއްލި ޙާލަތުގެ މުއްދަތު އިތުރުކުރުމުގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދައިފައެވެ. މާރިޗު މަހުގެ ތެރޭގައި އެންމެ ފުރަތަމަ އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު ދެމެހެއްޓުމަށް ނިންމި ނިންމުން އަންނަ ހަފުތާގެ ތެރޭގައި އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްވަނީ ހަމަޖެހިފައެވެ.

ތައިލެންޑުގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ސެކެޓްރީ ޖެނެރަލް ސޮންސަކު ރޫންގްސިޓާ ވިދާޅުވީ ޤައުމުގެ އިޤްތިޞާދު އަލުން ހުޅުވާލައި ފަތުރުވެރިކަމާ ވިޔަފާރީގެ ޙަރަކާތްތައް ފަށައިގަންނަ ދުވަސްވަރެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަންޖެހޭކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު ދެމެހެއްޓުމަށް ޞިއްޙީ މާހިރުންވެސް ހުށަހަޅުއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަން ނިންމާފައިވަނީ ތައިލެންޑުގެ ސަރުކާރާ ދެކޮޅަށް މިދިޔަ ހަފުތާގައި މުޒާހަރާކޮށްފައިވަނިކޮށެވެ. އެ އެއްވުންތައް ބާއްވާފައިވަނީ ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ އެއްވުން މަނާކުރާ ޤަވާއިދާ ޚިލާފަށެވެ. ސޮންސަކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަނީ ބަލިމަޑުކަމާ ގުޅިގެންކަމަށާއި އެއްވެއުޅުމާއި މުޒާހަރާކުރުމުގައި ބަލާނީ ޤަނޫނަށްކަމަށެވެ.

ވިޔަފާރިވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާއި ޞިއްޙީ ފަރުވާއަށް ދަތުރުކުރާ މީހުންގެ އިތުރުން ފިލުމު އުފައްދާ ފަރާތްތަކަށް ތައިލެންޑަށް އެތެރެވެވޭނެ އިންތިޒާމު އެ ޤައުމުންވަނީ ހަމަޖައްސައިފައެވެ.