ޚަބަރު

އެންމެ އަވަހަށްވެސް ވެކްސިނެއް ލިބޭނީ 2021ގައި: ޑަބުލިއުއެޗުއޯ


2021ވަނަ އަހަރުގެ ކުރިން ކޯވިޑް-19ން ރައްކާތެރިވުމަށް ބޭނުންކުރެވޭނެ ވެކްސިނެއް ލިބޭނެކަމަށް ޤަބޫލުނުކުރާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބުލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާބެހޭ ގޮފީގެ އިސްވެރިޔާ މައިކު ރަޔަން ވިދާޅުވީ ތިން ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށްދާކަމަށާއި އެ ވެކްސިންތަކުގެ ރައްކާތެރިކަމާއި ދިފާޢީ ބާރާބެހޭ ތަހުލީލުތައް މިހާތަނަށް ކާމިޔާބުކަމަށެވެ. ނަމަވެސް ޢާންމުންނާ ހަމައަށް ވެކްސިނެއް އެންމެ އަވަހަށްވެސް ފޯރުކޮށްދެވޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން 15 މިލިއަން މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. ވެކްސިނެއް ތައްޔާރުވުމުން އެ ވެކްސިން ހުރިހާ ޤައުމަކަށް ހަމަހަމަކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑަބްލިއުއެޗުއޯއިން މަސައްކަތްކުރާކަމަށް ރަޔާން ވިދާޅުވިއެވެ. ނަމަވެސް ވެކްސިނެއް ތައްޔާރުވަންދެން ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ކާމިޔާބުވާނެކަމަށް ބެލެވޭ ވެކްސިންތައް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޑަބްލިއުއެޗުއޯއިން މަސައްކަތްކުރާކަމަށާއި ވެކްސިން ބާޒާރަށް ނެރުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ޖަމުޢިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ހުރިހާ ޤައުމަކުންވެސް އިންސާފުވެރިވާންވާނެކަމަށާއި ބަލިމަޑިކަމާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިނަކީ ހަމައެކަނި މުއްސަނދިންނަށް ނުވަތަ ފަޤީރުންނަށް ތައްޔާރުކުރާ އެއްޗެއް ނޫންކަމަށް ރަޔަން ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާގެ ޕުފިޒާއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން ތައްޔާރުކުރާ ވެކްސިން ކާމިޔާބުވެއްޖެނަމަ އެ ވެކްސިނުގެ 100 މިލިއަން ޑޯޒު ގަތުމަށް އެމެރިކާއިން 1.95 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުން ހުއްޓިފައިނުވާ ދަނޑިވަޅެއްގައި މަދަރުސާތައް ނުހުޅުވުމަށްވެސް ރަޔާން ގޮވާލެއްވިއެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ އެމެރިކާގައި ބަލި ފެތުރޭ މިންވަރު ހަލުވިކަމާއެކު އިތުރުވަމުންދާ ދަނޑިވަޅެއްގައި މަދަރުސާތައް ހުޅުވުމަށް ކުރެވޭ ބަހުސްތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.