ވިޔަފާރި

ބޮޑެތި ޓެކް ކުންފުނިތަކުން އިންޑިއާގައި ބިލިއަނުން އިންވެސްޓްކުރަނީ ކީއްވެ؟


މިއަހަރު ފެށިގެން މިހާތަނަށް އައިއިރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ 17 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓްކުރަން ނިންމާފައެވެ. ޖެނުއަރީމަހު އެމެޒޯންއިން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމިއެވެ. ފޭސްބުކްއިން އޭޕްރީލްމަހުގެ ތެރޭގައި 6 ބިލިއަން ޑޮލަރު އިންވެސްޓްކުރިއެވެ. އަދި މިދިޔަ ހަފްތާގައި އިވިގެންދިޔައީ ގޫގުލްއިން 10 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓްކުރަން ނިންމި ޚަބަރެވެ.

އެމެރިކާގެ އެންމެ ކުރިއަރާފައިވާ ސިލިކަން ވެލީގެ ކުންފުނިތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އިންޑިއާގައި އިންވެސްޓްކުރަމުންނެވެ. ނަމަވެސް މީގެ މަސްތަކެއް ކުރިއަށް ވިސްނާލައިފިނަމަ މިއިންވެސްޓްމަންޓްތައް އިންޑިއާއަށް އައުމަކީ ދުރު ކަމެކެވެ. ބޭރުގެ ޓެކް ކުންފުނިތަކާމެދު އިންޑިއާގެ ރެގިއުލޭޓަރުން ގެންގުޅޭ ހަރުކަށިކަމުގެ ސަބަބުން، އެކުންފުނިތަކުން ވެރިންނަށް އިންޑިއާއިން ކިޔަނީ ފިނި މަރުހަބާއެކެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އިންޑިއާގެ އިޤްތިޞާދަށްވެސް ވަނީ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ. އަދި އިންޑިއާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ޗައިނާގެ ޓެކް ކުންފުނިތަކަށް އިންޑިއާއިން ޖާގައެއް ނެތެވެ. އަދި ޗައިނާއިން ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބަން އެމެރިކާގެ ޓެކް ކުންފުނިތަކަށް ޗައިނާއާއި ހޮންގކޮންގ ފަދަ ބޮޑެތި މާކެޓްތަކުގައި ޖާގައެއް ނެތެވެ. މިހުރިހާ ސަބަބުތަކަކާއެކު ބިލިއަނަކަށްވުރެ ބޮޑު އާބަދީއެއް އޮންނަ އިންޑިއާގެ ޑިޖޓަލް މާކެޓްވެފައި ވަނީ އެމެރިކާގެ ޓެކް ކުންފުނިތަކުގެ އަމާޒަކަށެވެ.

ޓެކް ކުންފުނިތަކުން އިންޑިއާގައި އިންވެސްޓްކުރާ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އިންޑިއާގެ ޑިޖިޓަލް އިޤްތިޞާދުގެ ބިޔަކަން ހާމަވެއެވެ. މިހާރުވެސް 700 މިލިއަން މީހުން އިންޑިއާގައި އިންޓަނެޓް ބޭނުންކުރާއިރު، އިތުރު 500 މިލިއަން މީހުން ވަރަށް އަވަހަށް އިންޓަނެޓް ބޭނުންކުރަން ފަށާނެއެވެ. އެހެންކަމުން މިއީ ޓެކް ކުންފުނިތަކުން އަޅާނުލާ ދޫކޮށްލާވަރަށްވުރެ ބޮޑު މާކެޓެކެވެ.

އެމެރިކާގެ ސިލްކަން ވެލީގެ މުއްސަނދި ކުންފުނިތަކުން އިންޑިއާގައި އިންވެސްޓްކުރަން ފަށާފައިވާ މައިގަނޑު އެއް ސަބަބަކީ ޗައިނާއާއި ޗައިނާގެ ބާރު ފޯރާ ބޮޑެތި މާކެޓްތަކުގައި ވިޔަފާރިކުރުން ދަތިވުމެވެ. އަދި މިސަރަޙައްދުގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި އޮންނަ ހޮންގކޮންގައި ޗައިނާއިން ތަންފީޒުކުރާ ޤާނޫނުތަކުގެ ސަބަބުން އެމެރިކާގެ ޓެކް ކުންފުނިތަކުން ހޮންގކޮންގައި ވިޔަފާރިކުރުން ހުއްޓާލާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެން ނޫނީ ކުންފުނިތަކަށް މަޖުބޫރުވާނީ ޕްރައިވެސީގެ އުސޫލުތައް ދޫކޮށް، ޗައިނާއިން ބުނާ ގޮތެއް ހަދާށެވެ.

އިންޑިއާ، ޗައިނާ އަދި އެމެރިކާގެ މެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގައި އެމެރިކާއާއި އިންޑިއާއަކީ އެއް ފަޅިއެވެ. އެހެންކަމުން އެމެރިކާފަދަ ޓެކްނޮލޮޖީ ކުންފުނިތައް ގިނަ ޤައުމަކާއި ބިލިއަނަކަށްވުރެ ގިނަ މީހުން އުޅޭ އިންޑިއާފަދަ ބޮޑު މާކެޓެއް ގުޅުމަކީ ފައިދާ ބޮޑު ގުޅުމަކަށްވާނެއެވެ. އަނެއްކޮޅުން އިންޑިއާއާއި އެމެރިކާގެ ޓެކްނޮލޮޖީގެ ގުޅުމަކީ ޒަމާންވީ ގުޅުމެކެވެ. އެމެރިކާގެ އެންމެ ކުރިއަރާފައިވާ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގުލް، މައިކްރޯސޮފްޓްގައި އެންމެ އިސްކޮށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނައީ އިންޑިއާ ރައްޔިތުންނެވެ. އަދި މިގުޅުންތަކުގެ ތެރެއިން އިންޑިއާފަދަ ބޮޑު މާކެޓަކަށް އެމެރިކާގެ ކުންފުނިތަކުން ވަނުމަށް ފަސޭޙަވެސްވާނެއެވެ.

އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުން އިންޑިއާގެ މާކެޓަށް ވަންނަން މަސައްކަތްކުރާއިރު، އެއީ އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. އިންޑިއާގެ ޑިޖިޓަލް މާކެޓްގެ ދޮރު ކޮންޓްރޯލްކުރަނީ އޭޝިޔާގައި ހުރި އެންމެ މުއްސަނދި މީހާކަމަށްވާ، އިންޑިއާގެ މުކޭޝް އަމްބާނީއެވެ.

ބޭރުގެ ކުންފުނިތަކުން އިންޑިއާގެ ޑިޖިޓަލް މާކެޓަށް އިންވެސްޓްކުރަންޖެހެނީ މުކޭޝް އަމްބާނީގެ "ޖިއޯ" ކުންފުނީގެ ތެރެއިންނެވެ. މީގެ މައިގަނޑު ސަބަބަކީ އިންޓަނެޓްގެ ވިޔަފާރީގެ ސިޔާސަތު ކަނޑައެޅުމުގައި މުކޭޝްގެ ނުފޫޒުގަދަވުމެވެ. އަދި ބޭރު ކުންފުންޏަކުން އަމިއްލައަށް އިންވެސްޓްކޮށްގެން ކުރިއަށްދާން ހުރި ދަތިތައް ގިނަވުމުންނެވެ. މިސަބަބުތަކަށްޓަކައި މިދިޔަ އޭޕްރީލްމަހުން ފެށިގެން ފޭސްބުކްއާއި ގޫގުލްފަދަ ކުންފުނިތަކުން ވަނީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު މުކޭޝްގެ ކުންފުނިތަކުގައި އިންވެސްޓްކޮށްފައެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ފުޅާވެ، ކުރިއަރަމުންދާ އިންޑިއާގެ ޑިޖިޓަލް މާކެޓުން ލިބޭ މާލީ ފައިދާއިން ބައެއް ލިބޭތޯއެވެ. އަދި ކުރިއަށްއޮތްތަނުގައި އިންޑިއާގެ ޑިޖިޓަލް އިޤްތިޞާދު ފުޅާވެ، ކުރިއަރަމުންދާ ވަރަކަށް އިތުުރު ކުންފުނިތަކުން އެމާކެޓްގައި އިންވެސްޓްކުރާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.