ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކަޕް އަންހެން ޓެނިސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޗެކިއާއިން ކަށަވަރު ކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލުން ޗެކިއާ ޖާގަޙޯދީ ސެމީ ފައިނަލްގައި ސްޕެއިން އާއި ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލްގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު ޗެކިއާއިން ކާމިޔާބު ކޮށް ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި ސެމީ ފައިނަލްގައި ޗެކިއާއަށް ކާމިޔާބު ހޯދައިދިނީ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި ވާދަކުރި ޗެކިއާއަށް ނިސްބަތްވި ދެ ކުޅުންތެރިން ކަމަށްވާ އެމުބާރާތުގެ ޗެމްޕިއަން ލިންޑާ ނޮސްކޯވާ އާއި ރަނަރއަޕް ކެރޮލީނާ މުޗޯވާއެވެ.
މިސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މުޗޯވާވަނީ ސްޕެއިންގެ ޖެސިކާ ބޮއުޒާސް މަނެއިރޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށް ފުރަތަމަ މެޗު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން މުޗޯވާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. އަދި ދެވަނަ މެޗުގައި ދުނިޔޭގައި ހަވަނައަށް ރޭންކް ކުރެވިފައިވާ ނޮސްކޯވާ ވަނީ ސްޕެއިންގެ ކްރިސްޓީނާ ބުކްސާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށް ތިން ވަނަ މެޗަކަށް ނުގޮސް މިސެމީ ފައިނަލް ޗެކިއާއަށް ކާމިޔާބު ކޮށްދީފައެވެ. މިމެޗުގެފުރަތަމަ ސެޓު ނޮސްކޯވާ ޓައިބްރޭކަކަށް ގޮސް ހަތެއް ހަޔަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ.
މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ޗެކިއާއިން ކަށަވަރު ކޮށްފައިވާއިރު ފައިނަލްގައި އެޓީމު ވާދަކުރާނީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އަދި މިމުބާރާުގެ ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ އިޓަލީވިލާތާއި ޔޫކްރެއިން ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.