އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހި އެތުލެޓިކްސް ޓީމުގެ ތިންވަނަ އިވެންޓުކަމަށްވާ ފިރިހެނުންގެ 200 މީޓަރު ދުވުމުގައި މިއަދު އިބްރާހިމް ނާހިލް ނިޒާރާއި މުޙައްމަދު ޒުއިޒް ސައުދު ދުވެފިއެވެ.
ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި މިއަދު އޮތް ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހީޓު 1ގައި ނާހިލް ވަނީ 22.62 ސިކުންތުން ރޭސް ނިންމާފައިއެވެ. ޖުމްލަ 7 ދުވުންތެރިން ބައިވެރިވިމި ހީޓުގައި ނާހިލް ރޭސް ނިންމީ 5 ވަނާގައިއެވެ.
ފިރިހެނުންގެ 200 މީޓަރުގެ ހީޓު 2 ގައި ޒުއިޒް ރޭސް ނިންމީ 22.70 ސިކުންތުންނެވެ. ޒުއިޒްގެ މި ޓައިމިންއަކީ ޕާސަނަލްބެސްޓް ޓައިމިންއެކެވެ. މި ހީޓުގައި ޖުމްލަ 7 ދުވުންތެރިން ބައިވެރިވިއެވެ.
މީގެއިތުރުން ފިރިހެނުންގެ 400 މީޓަރުގައި ދުވުމުގައި އާދަމް ރިއްފަތާއި ހުސެއިން ޒީކް ސުއާދު ވަނީ ހުކުރު ދުވަހު ދުވެފައެވެ.
ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކް ސްޓޭޑިއަމްގައި އޮތް ފިރިހެނުންގެ 400 މީޓަރުގައި ހީޓު 1 ގައި ރިއްފަތު ވަނީ 49.61 ސިކުންތުން ރޭސް ނިންމާފައެވެ. މި ހީޓުގައި ޖުމްލަ 9 ދުވުންތެރިން ބައިވެރިވި ރިއްފަތު ރޭސް ނިންމީ 8 ވަނައިގަ އެވެ.
މި ރޭހުގެ ހީޓު 2 ގައި ޒީކް ރޭސް ނިންމީ 50.77 ސިކުންތުންނެވެ. މި ހީޓުގައި 9 ދުވުންތެރިން ބައިވެރިވިއެވެ.
އެތުލެޓިކްސް އިން ދިވެހި ޓީމު މާދަމާ ވާދަކުރާނީ ފިރިހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައެވެ. ރިލޭ އޮންނާނީ އާދިއްތަ ދުވަހު ރާއްޖެގަޑިން ހަވީރު 6:22 ގައިއެވެ.