 
										
			ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ މުދަލުގެ ޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާކުރުމަށް ނިންމާފައިވާކަމަށެވެ. 
އިސްލާމިކް މީނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ލިސްޓްގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާކަަމަށެވެ. މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓު މިހާރުވަނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޢާއްމުކޮށްފައެވެ. އެ ލިސްޓުން ނަން އުނިކުރަން ބޭނުންވާ ފަރާތްތަކާއި ދިރިއުޅޭ ރަށް ބަދަލުވެފައިވާ ފަރާތްތަކުން އެމީހަކު މިހާރު ދިރިއުޅޭ ރަށެއްގެ ފަގީރުންގެ ލިސްޓަށް ބަދަލުވުމަށް އެދޭނަމަ އެކަން ސިޓީއަކުން ހުށައެޅުމަށްވެސް މިނިސްޓްރީންވަނީ އަންގަވާފައެވެ. 
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރވުމަށް ފޯމު ހުށައަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރު 1 ޖެހުމާހަމައަށް މިނިސްޓްރީގެ ލޮބީ ސަރަޙައްދުގައި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ ދުވަހަކު ދޫކުރާނީ 50 ނަމްބަރުކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. 
މާލެ ފިޔަވާ އެހެނިހެން ރަށްރަށުގައި ފޯމު ހުށައެޅުމުގެ ކަންކަން ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ. 
މިދުވަސްވަރަކީ ކޯވިޑް-19ގެ ނުރައްކާ އޮތް ދުވަސްވަރެއްކަމުން ފޯމު ހުށައަޅަންޖެހޭ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. ފޯމު ހުށައެޅުމަށް އަންނައިރު މާސްކު އެޅުމަށާއި އެކަކަށްވުރެ ގިނަ މީހުން ނުދިއުމާއި ކުޑަކުދިން ނުގެންދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.