ކުޅިވަރު

ގެޓާފޭ ބަލިކޮށް ރެއާލްއިން މަގާމު ދަމަހައްޓައިފި


ގެޓާފޭގެ މައްޗައް ކުރި ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއްވަނައިގައި 4 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެ ޓީމަށް ލީޑު ފުޅާކުރަން ފުރުސަތު ލިބުނީ ދެ ވަނައިގައި އޮތް ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން އެއްވަރުވުމުންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލް މެޑްރިޑުން ޖެހި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމާ އެންމެ ގާތުގައި، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 33 މެޗުން 59 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި ރެއާލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ އެތްލެޓިކް ކްލަބާއި ދެކޮޅަށެވެ.