ޚަބަރު

އިންޑަސްޓްރިއަލް ވިލެޖުގައިހުރި 400 އަށްވުރެގިނަ ވެހިކަލް ނަގަން އަންގައިފި


މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި 400 އަށްވުރެ ގިނަ ވެހިކަލް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާތީ، އެތަން ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ގުޅިގެން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެތަނުގެ ޙާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ޚާއްސަ ސަރވޭއެއްކޮށްފައިވާއިރު، އެ ސަރަޙައްދުގައި މިވަގުތުވެސް 449 ވެހިކަލް ޕާކްކޮށްފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

މީގެ ތެރޭގައި ކުނި އަޅާފައިހުރި 46 ޕިކަޕަކާއި، ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ހިމެނޭކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި އިންޑަސްޓްރިއަލް ޒޯނަށް އެކި ފަރާތްތަކުން އަޅާފައިވާ ކުނިތައް ނަގާ އެ ސަރަޙައްދު ސާފުކުރެވެން އޮތީ، ވެހިކަލްތައް ނަގާ ތަން ހުސްކޮށްގެން ކަމަށްވެސް މޭޔަރ ސިފާ ވިދާޅުވިއެވެ.

"އެތަނުގައި މިހާރުވެސް ކުނިއަޅާ ފުރާފައި ހުރި 46 ޕިކަޕު އެބައޮތް. އަނެއްކާ ގިނަ ސައިޓްތަކެއް ޒޯންވަކިކޮށް ޓިނުޖަހާ ބަންދުކޮށްފައިނެތުމުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ކުނި އަޅާފައި އެބަހުރި. ވެހިކަލްތައް ނަގައިގެން ނޫނީ އެތަން ރަނގަޅަށް ސާފުކުރެވޭކަށްނެތް. އެހެންވެ 7 ދުވަސް މިދެނީ ހުސްކުރަން" މޭޔަރ ސިފާ ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޒޯނުގައި ހުރި ވެހިކަލްތަކުގެ ތަފްޞީލު:


- އަލަށް އެތެރެކޮށް ރަޖިސްޓްރީނުކުރާ ވެހިކަލްތަކުގެ އަދަދު - 37
- ބައުވެ ނުދުއްވާ ދޫކޮށްލާފައިވާކަމަށް ބެލެވޭ ވެހިކަލްތަކުގެ އަދަދު - 37
- ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު - 9
- އާއްމުކޮށްދުއްވާ ބޭނުންކުރުމަށްފަހު ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ އަދަދު - 348
- ކުނިބަރުކޮށް ކުންޏާއެކީ ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ އަދަދު - 18
- އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ހުރި ވެހިކަލްތަކުގެ ޖުމްލަ އަދަދު - 449


މަލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މި ހުރިހާ ވެހިކަލްތަކުގެ ވެރި ފަރާތްތަކުން އައިސް އެތަކެތި ނުނަގައިފިނަމަ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް އެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ސިޓީ ކައުންސިލުން ޒިންމާ ނުވާނެކަމަށާއި، އެސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އުކާލެވޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ވެމްކޯއާއި ސިޓީ ކައުންސިލް ގުޅިގެން އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ސަރަޙައްދު އަލިކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެތަނުގެ ބެލެހެއްޓުން ހަރުދަނާކުރުމަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ މަގުތަކަށް ނަންދިނުމުގެ ކަންކަންވެސް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.