ޚަބަރު

ފުރަބަންދުގެ އުސޫލާ ޚިލާފުވި 2300އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ފުރަބަންދުގެ އުސޫލާއި ޚިލާފުވެ މަގުމައްޗަށް ނިކުމެއުޅުން 2300އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.
ފުރަބަންދާއި ގުޅިގެން ފުލުހުންވަނީ މާލޭ މަގުތައް ބެލެހެއްޓުން ހަރުދަނާކޮށް، ޤަވާއިދުތަކާއި ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުން ވަރުގަދަކޮށްފައެވެ.

އެގޮތުން ހުއްދަ ނެތި މާލެ ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނިކުމުގެ އުޅުނު 2312 މީހުން ޖޫރިމާކޮށްފައިވާކަމަށް ފުލުހުންވަނީ ޙާމަކޮށްފައެވެ. މާލެއިން ޖޫރިމަނާކޮށްފައިވަނީ 1965 މީހުން، ހުޅުމާލެއިން 290 މީހުން އަދި ވިލިމާލެއިން 57 މީހުންވަނީ ޖޫރިމަނާކޮށްފައެވެ. ޤަވާއިދާ ޚިލާފަށް ފާސް ނެތި ބޭރަށް ނިކުމެ އުޅެނިކޮށް އިއްޔެ ޖޫރިމަނާކޮށްފައިވަނީ 136މީހުންނެވެ.

ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ޖޫރިމަނާކުރަނީ 1000ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ.

ފުލުހުންދަނީ ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ހައްޔަރުކޮށްގެންވެސް ފިޔަވަޅުއަޅަމުންނެވެ. މިިދިޔަ މަހުގެ 19ވަނަ ދުވަހު އަޅަން ފެށި މި ފިޔަވަޅުގެދަށުން މިހާތަނަށް 137 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެއިން ހައްޔަރުކުރި 129 މީހުންނާއި ހުޅުމާލެއިން ހައްޔަރުކުރި 8 މީހުންނެވެ. އިއްޔެ ހައްޔަރުކޮށްފައިވަނީ 4 މީހުންނެވެ.

ބޭރަށް ނުކުތުމެ ހުއްދަ ޕޯޓަލް މެދުވެރިކޮށް ނެގޭނެ:

ފުރަތަމަ އިޢުލާންކުރި 14 ދުވަހުގެ ފުރަބަންދުގެ ހާލަތުނިމި، މިހާރު އިތުރު 14 ދުވަހަށް މާލޭ ސަރަަޙައްދު ފުރަބަންދުކޮށްފައިވާއިރު، މި މުއްދަތުގައިވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދައާއިއެކުގައެވެ.

މިހާރު ބޭރަށް ނިކުތުމުގެ ފާސްދޫކޮށްފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް އޮންނަ މީހުންނާއި، ޑެލިވަރީ ޚިދަމަތްދޭ މީހުންނާއި، އެކި އޮފީސްތަކުގައި މަސައްކަތްކުރާ މީހުންގެ އިތުރަށް އުޅަންދުތަކަށް ދޫކުރާ ފާހެވެ.

މީގެއިތުރަށް ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރިބޭނުމަށް 1 ގަޑިއިރު ބޭރަށް ނިކުމެ އުޅުމުގެ ހުއްދައެއް ފުލުހުންދަނީ އާންމުންނަށް ދެމުންނެވެ. މިހާރު ހުއްދަ ދޫކުރަނީ ވަކި ސަރަޙައްދުތަކެއްގައި ބޭނުންކުރެވޭގޮތަށެވެ.

ޒަރޫރީ އެހެނިހެން ޚިދުމަތްތައް ހޯދުމަށްވެސް ގެއިން ބޭރަށް ނިކުމެވޭނީވެސް ފުލުހުންގެ ހުއްދައެއް އޮވެގެންނެވެ. އޮންލައިންކޮށް ފަސޭހަކަމާއިއެކު ހުއްދަ ނެގޭނެ ޕޯޓަލްއެއް ފުލުހުންވަނީ ޤާއިމުކޮށްފައެވެ.