ވިޔަފާރި

ރާއްޖެއިން ފުރާ ފަރާތްތަކުން އެއަރޕޯޓަށް ދިއުމަށް ބޭނުންވާ ހުއްދަ ނެގުމަށް އެދިއްޖެ


މިމަހުގެ 4 ،5 އަދި 8 ވަނަ ދުވަހު ރާއްޖެއިން ވައިގެ މަގުން ފުރުމަށް ޓިކެޓު ނަގާފައިވާ ފަރާތްތައް އެއަރޕޯޓަށް ދިއުމަށް ބޭނުންވާ ހުއްދަ ނެގުމަށް ޓުއަރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

މާދަމާ ފުރުމަށް ހަމަޖެހިގައިވަނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިޔުމަށް ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓެކެވެ. މި ފުލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ތައިލޭންޑުގެ ވެރިރަށް ބެންކޮކަށެވެ.

ފަސިންޖަރުންނާއި އެކު މިމަހުގެ 5 ވަނަ ދުވަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޓަރކިޝް އެއަރލައިސްގެ ފްލައިޓެކެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ފަސިންޖަރުންނާއިއެކު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ސްކައިއަޕް އެއަރލައިސްގެ ފްލައިޓެކެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މި ފްލައިޓުތަކުގައި ފުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަމައަށް ދިޔުމަށް ފުލުހުންގެ ޙާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި ރިސޯޓުތަކާއި، ގެސްޓު ހައުސްތަކާއި ރަށު ކައުންސިލްތަކުން ފަސިންޖަރުންނަށް އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

މިހާލަތުގައި، ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގަވާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.