ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަންފަށައިފި


މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަންފަށައިފިއެވެ.

މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު ސިޓީ ކައުންސިލްގައެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ކެޓެގަރީތަކަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓުގައި ވިޔަފާރިކުރިކަން ސާބިތުކޮށްދީ ހުށައެޅި ފަރާތްތަކާއި، ކުރިން ގޮޅިލިބި ގަވާއިދުން ގޮޅި ހިންގި ފަރާތްތަކާއި، ގޮޅި ހިންގުމަށް ހުށައެޅި އަންހެނުންގެ ކެޓަގަރީއާއި، އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ އެކި ކެޓެގަރީތަކުން އެންމެ މަތިން މާކުސްލިބުނު ފަރާތްތަކާއި ކޮންމެ ކެޓަގަރީއަކަށް ކަނޑައެޅި ގޮޅީގެ އަދަދު މިމަހުގެ 15 ގައި ގެޒެޓްކޮށްފައެވެ. އަދި ކޮންމެ ކެޓެގަރީއަކުން އެންމެ މަތިން މާކުސްލިބުނު ފަރާތްތަކަށް ގޮޅި ދޫކޮށް ވަކި އަދަދަކަށްވުރެ މަތިން މާކުސް ލިބުނު ފަރާތްތަކުގެ މެދުގައި ބާކީހުރި ގޮޅިތައް ވަނީ ގުރުއަތުލާފައެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން މަރާމާތުކޮށް ދޫކުރުމަށް ހަމަޖެހިފައިވަނީ 165 ގޮޅިއެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅި ދޫކުރުމަށް ހުޅުވާލުމުން 2626 ފަރާތަކުން ވަނީ ފޯމު ހުށައަޅާފައެވެ.