ޚަބަރު

ކަސްޓަމްސްއާއި އިމިގްރޭޝަން އެއްކޮލުމުން ބޮޑެތި ފައިދާތަކެއްވާނެ


ކަސްޓަމްސްއާއި އިމިގްރޭޝަން އެއްކޮށްލުމަށް ސަރުކާރުން ނިންމަވައިފިނަމަ، އެކަމަށްދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި، ކަސްޓަމްސް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ. ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢައްބާސް އާދިލް ރިޒާ ވިދާޅުވީ، މި ދެ މުއައްސަސާއަކީވެސް ވަރަށް އެއްގޮތް މަސައްކަތްތަކެއް ކުރަމުންދާ ދެ ތަނެއް ކަމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މި ދެ މުއައްސަސާ އެއްކޮށްލުމުގެ ތިޔަރީއަކީ ވަރަށް ކާމިޔާބުކަމާއެކު ތަންފީޒުކުރަމުންދާ ތިޔަރީއެއްކަމަށެވެ. އަދި ކުރާ މަސައްކަތާއި، ދެވޭ ޚިދުމަތުގެ ފެންވަރަށް ބެލިކަމުގައިވިނަމަވެސް، މި ދެ މުއައްސަސާ އެއްކޮށްލައިފިނަމަ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ."މިފަހަރު ވޯލްޑް ކަސްޓަމްސް އޯރގަނައިޒޭޝަންގެ އެނުއަލް ޖެނެރަލް މީޓިންގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށްވެސް ލިބިގެންދިޔަ. އަދި އިނގިރޭސިވިލާތުގެ ކަސްޓަމްސްގެ ވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް އެނގިގެންދިޔަ އެޤައުމުގައި ކަސްޓަމްސްއާއި އިމިގްރޭޝަނާއި އެއްކޮލުމުގެ މަސައްކަތް ރޭވިގެން ދިޔަގޮތް. އަދި ހަމަ ވަރަށްފަހުން މިގޮތަށް ބަދަލުކުރި ޤައުމެއް ކެނެޑާއަކީވެސް. އެޤައުމުގައިވެސް ކަސްޓަމްސްއާއި ބޯޑަރ ކޮންޓްރޯލިންގ ދެބައި މީހުން މިވަނީ އެއްކޮށްލެވިފައި. އެހެންވީމަ މިއީ ދުނިޔޭގައި އާކަމެއްނޫން. މީގެ ސަބަބުން ވަރަށް ގިނަ ރިސޯސް ސޭރވިންގްސްތަކެއް އަންނާނެ" ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވިއެވެ.      ކޮމިޝަނަރ ވިދާޅުވީ، މަސައްކަތުގެ އަމަލީ މައިދާނަށް ބެލިކަމުގައިވިޔަސް ކަސްޓަމްސް އަދި އިމިގްރޭޝަން، މި ދެ މުއައްސަސާއަކީ ވަރަށް ބޮޑަށް ގުޅިގެން، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީގެން މަސައްކަތް ކުރަންޖެހޭ ދެތަންކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރލައިން ކޮންޓްރޯލްކުރުމުގައި މި ދެ މުއައްސަސާގެ ދަޢުރު ވަރަށްވެސް މުހިއްމުކަން ފާހަގަކުރައްވާ، މިކަމުގެ ސަބަބުން ފައިދާތަކެއް ލިބިގެންދާނެކަމަށް އައްބާސް ވިދާޅުވިއެވެ. ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ދިދަނެގުމުގެ ހަފުލާގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އިމިގްރޭޝަންއާއި ކަސްޓަމްސް އެއްކޮށްލާފައިވާ ގޮތަށް ރާއްޖޭގައިވެސް މި ދެ މުއައްސަސާ އެއްކޮށްލުމުގެ ވިސްނުންފުޅެއް ސަރުކާރުން ގެންގުޅުންވާކަން ހާމަކުރައްވާފައެވެ.