ޚަބަރު

ރާއްޖެ - އިންޑިއާ : އެކިދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެޤައުމުގެ ހޯމް މިނިސްޓަރުން މަޝްވަރާ ކުރައްވައިފި


ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި އިންޑިޔާގެ ހޯމް މިނިސްޓަރ އަމިތް ޝާހު މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ އިންޑިޔާގެ ހޯމް މިނިސްޓަރުގެ ރަސްމީ ދައުވަތަކަށް، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެޤައުމުގެ ދާޚިލީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ވަނީ ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ޤާއިމުކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އެގޮތުން ދެ ޤައުމުގެ ދާޚިލީ ސަލާމަތާއި ހަމަ ޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ އިމްރާންގެ މި ދަތުރުފުޅުގައި އިންޑިއާގެ ނެޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަތުލް ކަރްވާލްއާއި ބައްދަލުކުރައްވާ އެހީތެރިކަން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނާއި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާގެ ގުޖުރާތު ފޮރެންސިކް ސައިންސް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާ އެތަނުގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޖޭ.އެމް ވިޔަސްއާ ބައްދަލުކުރައްވާ އެހީތެރިކަން ހޯދޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ޢިމްރާން ވަނީ އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއެކުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.

މިބައްދަލުވުމުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއެކު މަޝްވަރާތައް ވަނީ ކުރިއަށްގެންދަވާފައެވެ. މީގެއިތުރުން ނިއުދިއްލީގައި ހުންނަ އިންޑިޔާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ޝުރީ ވައި.ސީ މޯޑީއާވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ގުޅިގެން މަސައްކަތްކުރުމާއި، އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ މިދަތުރުފުޅުގައި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބުދުއްރަހުމާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.