ކުޅިވަރު

ވިޒިޓް މޯލްޑިވްސް އިންޓަކޮންޓިނެންޓަލް މުބާރާތައް 13 އަހަރުން ދަށުގެ ޤައުމީ ޓީމު ދުބާއީއަށް


ދުބާއިގައި މިމަހު އޮންނަ ވިޒިޓް މޯލްޑިވްސް އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ޓީމު ދުބާއިއަށް ފުރައިފިއެވެ.

މިމަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ބަޔާން މިޔުނިކާއި އިންޓަ މިލާނާއި އާސެނަލް އާއި ޕޯޓޯގެ އިތުން މިސްރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ބައެއް އެހެން އެކެޑެމީތަކުންވެސް ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕަކަށް ލައްވާލީ އާސެނަލާއި ދުބާއީގެ އިތުރުން ސައުދީ އަރަބިއްޔާގެ އެކެޑަމީ ޓީމުތަކެއެވެ.

އެގޮތުން މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޔޫއޭއީގެ އެކަޑަމީއަކާއި ދެކޮޅަށެވެ. އަދި ހަމަ އެދުވަހުގެ ހަވީރު ރާއްޖެ ކުޅޭ މެޗުގައި ނުކުންނާނީ ސައުދީގެ އަލް ފަތެހް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ޓީމު ނުކުންނާނީ އާސެނަލްގެ 13 އަހަރުން ދަށުގެ އެކަޑަމީއާއި ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖެއަށް ވާދަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ބޭއްވި ފުޓްބޯލް ފިއެސްޓާގެ ތެރެއިންނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ތަނަވަސްކޮށްދިންއިރު، މުބާރާތަށް ޚަރަދު ކުރަނީ ޔޫތް މިނިސްޓްރީއިންނެވެ.