ކޮރޯނާ ވައިރަހާއި ގުޅިގެން ފަރުކޮޅު ފުށީގައި އިތުރު ދިވެއްސަކު އެކަހެރި ކޮށްފިއެވެ.
ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށްފަހު، ރާއްޖެ އައި އިތުރު ދިވެއްސަކު އެކަހެރިކޮށްފައިވާކަން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. ޗައިނާގެ އިތުރުން އެހެން ޤައުމުތަކުގައިވެސް ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން އައި ދެ ދިވެއްސަކު މިދިޔަ ބުރާސްފަތި ދުވަހު ފަރުކޮޅޮ ފުށީގައި ވަނީ އެކަހެރިކޮށްފައެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި މިހާރު އެކަހެރިކޮށްފައިވާ މީހާވެސް ރާއްޖެއައިސްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މިހާރު އެކަހެރިކޮށްފައިވާ ތިން މީހުންގެ ގައިން ބަލީގެ އަލާމާތެއް އަދި ނުފެނުނުނަމަވެސް މި މީހުން 14 ދުވަސް ވަންދެން އެކަހެރިކޮށްފައި ބައިތިއްބާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ތިބީ ކޮރޯނާއަށް ޝައްކުކުރެވޭތީ އެކަހެރިކޮށްފައި ތިބި މީހުން ނޫންކަމަށެވެ. އެމީހުން އެކަހެރިކުރުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ ވާ މިންގަނޑުތަކަށް ޢަމަލުކުރުމުގެ ގޮތުންނެވެ.
އެގޮތުން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މެއިންލޭންޑަށް ދަތުރުކޮށްފައިވާކަމުގެ ރިކޯޑެއް ނުވަތަ ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހުންނަށްވެސް ރާއްޖެ ނުވަދެވޭނެ ގޮތަށް ވަނީ ކަނޑައާޅާފައެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ މިންގަނޑުތަކުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ދީފައިނުވާކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ޗައިނާއިން ރާއްޖެއަށް އައި މީހެއްގެ ކިބައިން ބައެއް ޢަލާމާތްތައް ފެނުމާއި ގުޅިގެން ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް އޭނާގެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެންވަނީ ޓެސްތު ހަދާފައެވެ. އޭނާގެ ސާމްޕަލާއި އެކު އިތުރު 6 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ފޮނުވާފައެވެ. މިއެންމެންގެ ޓެސްޓުތައް ނެގެޓިވް ވިއިރު ރާއްޖޭގައި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީން ނެރެ އިންޑިއާގައި އެކަހެރިކޮށްފައި ތިބި ހަތް ދިވެހިންވެސް ބައްޔަށް ނެގެޓިވް ވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.