ޚަބަރު

އުމުރާނީ ތަރައްޤީގެ ދާއިރާއިން ޗައިނާ އާއި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރައީސާއި މަޝްވަރާކުރައްވައިފި


ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގްއާ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ ބައްދަލު ކުރައްވައި އުމުރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެެވެ.

އެގޮތުން އުމުރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވޭ ފެންވަރަށް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ރައީސުލްޖުމްހޫރިއްޔާ އާއި ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވި އަދި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި އުމުރާނީ ތަރައްޤީއަށް ދޭ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ބިނާކުރެވޭ އައު ސްޓޭޑިއަމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ގޮތުން ކުރެވެމުން އަންނަ މަސައްކަތެކެވެ.