ޚަބަރު

ކައްޕި ގެއްލުނު ހާދިސާ އާއި ގުޅޭ ގޮތުން ސުވާލު އުފެދިފައި ވާއިރު އެމައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފި


ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލުނު ހާދިސާ އާއި ގުޅޭ ގޮތުން ސުވާލު އުފެދިފައި ވާއިރު އެމައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ އެމައްސަލަ މިހާރު ބަލަމުން ދާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންވެސް ހާމައެއް ނުކުރެއެވެ.

"ޓީ.ޓީ.އެސް ފާން" ދޯނި ނިސްބަތްވާ ކުންފުނިން ބުނީ މައްސަލަ ފުލުހުން ބަލަމުންދާތީ އެކަމާއި ގުޅޭ ގޮތުން މައުލޫމާތެއް ދެވެން ނެތްކަމަށެވެ.

ޕީއެސްއެމްގެ ފަރާތުން ދޯނި ނިސްބަތްވާ ކުންފުނީގެ ބޭފުޅަކަށް ގުޅައި ދޯނި ދަތުރުކުރި ތަނަކާއި ގުޅޭ ގޮތުން ސުވާލުދެންނެވުމުން އޭނާ ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ދޭންޖެހޭ މައުލޫމާތުތައް ފުލުހުންނަށް ދީފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ބަލަމުންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތްކަމަށެވެ.

ފަރަށް އެރި ދޯނީގެ ކެޕްޓަން ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 8:09 ގައެވެ.

ގެއްލުނު ކައްޕި ހޯދުމުގައި އެމްއެންޑިއެފް ކޯސްޓްގާޑުގެ އުޅަނދު ފަހަރާއި ޑައިވަރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާތަނަށް ގެއްލިގެން ހޯދާ މީހާ ފެނިފައި ނުވާކަމަށާއި، އެހެން ނަމަވެސް އެސަރަހައްދުގެ މޫދުން ބޮކްސާ އަކާއި މޫނުމައްޗެއް ޑައިވަރުންނަށް ފެނިފައިވާ ކަމުގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާ އާއި ގުޅިގެން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފައެވެ. މިގޮތުން އެންމެ ބޮޑަށް ސުވާލު އުފެދިފައި ވަނީ ދޯނި ފަރަށް އަރާފައި ވަނީ، އިއްޔެ ހެނދުނު ކަމުގައި ބުނާއިރު، ފަރަށް އެރުމުގެ ހާދިސާ ރިޕޯޓްނުކޮށް މިއަދު ހެނދުނު ކެޕްޓަން ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކުރުމުންނެވެ.

މީގެ އިތުރުން ދޯނީގައި ތިބީ 2 ބިދޭސީންނާއި ގެއްލުނު ކެޕްޓަން ކަމުގައި، އެމްއެންޑީއެފަށް މައުލޫމާތު ދީފައި ވާއިރު، ދޯނި ނިސްބަތްވާ ކުންފުނިން އާއިލާއަށް މައުލޫމާތު ދިންކަމަށް އާއިލާއިން ބުނަނީ ދޯނީގައި 2 ދިވެހިންނާއި 2 ބިދޭސީން ތިބޭނެ ކަމަށެވެ.

މުހައްމަދު ޔޫސުފަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހަކަށް ނުވާއިރު، އޭނާގެ މަންމަ މިދިޔަ މަހު ވަނީ ނިޔާވެފައެވެ. އަދި އޭނާގެ ބައްޕަވެސް ވަރަށްކުރިން ނިޔާވެފައި ވާއިރު، އޭނާ އާއި އެއްބަނޑުއެއްބަފާ ދެން ތިބެނީ ދެއަންހެން ކުދިންނެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެމުން މުހައްމަދު ޔޫސުފްގެ ކޮއްކޮ ބުނީ، އޭނާގެ ދޮންބެ އާއި އެންމެ ފަހުން ވާހަކަދެކެވުނީ ހުކުރު ދުވަހުގައި ކަމަށެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހުވެސް އޭނާގެ ދަރިފުޅަކާއި ދޮންބެ އާއި ވާހަކަދެކެވުނު ކަމަށެވެ. އަދި ދޮންބެ އާއި ނުގުޅެނީ އިއްޔެ ހަވީރުން ފެށިގެން ކަމުގައި އޭނާ ބުންޏެވެ.

މުހައްމަދު ޔޫސުފްގެ ކޮއްކޮ ބުނީ، ދޯނި ފަރަށް އެރި އިރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމުގައި ކުންފުނިން ބުނި ނަމަވެސް ދޯނީގެ ފޯނަށް ގުޅައިގެން އާއިލާއަށް ވާހަކަ ދެއްކުނީ ބިދޭސީ މީހަކާއި ކަމަށެވެ. އަދި ފަހުން ކޯސްޓްގާޑުގެ އޮފިސަރަކާއި އެފޯނުން ވާހަކަ ދެކެވުނު ކަމުގައި އޭނާ ބުންޏެވެ.

މުހައްމަދު ޔޫސުފްގެ ކޮއްކޮ ބުނީ، ދޯނި އިއްޔެ ހެނދުނުން ފެށިގެން ފަރަށް އަރާފައި އޮތް އިރު، އޭނާގެ ދޮންބެ އެންމެ ފަހުން ދޯނި ތެރެއިން ފެނުނީ ރޭގެ ދަންވަރު، 1:15 ހާއިރު ކަމުގައި އެދޯނިން ވާހަކަ ދެއްކި މީހަކު ބުނެފައި ވާކަމަށެވެ. އެހެން ނަމަވެސް މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާ އާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން އޭނާވެސް ފާހަގަ ކުރިއެވެ.

އާމުދަނީ ހޯދުމުގެ ގޮތުން މުހައްމަދު ޔޫސުފް ކުރާމަސައްކަތަކީ ދޯނި ފަހަރު ދުއްވުން ކަމަށް ވާއިރު، "ޓީ.ޓީ.އެސް ފާން" ދޯނީގައި އޭނާ މަސައްކަތް ކުރާތާ އަދި 3 މަސް ނުވާނެ ކަމުގައި މުހައްދުގެ ކޮއްކޮ ޕީއެސްއެމްއަށް މައުލޫމާތު ދީފައިވެއެވެ.

ފަރަށް އެރި ދޯނި ދަތުރު ކުރީ ސީދާކޮން ތަނަކަށް ކަން އެނގިފައި ނުވި ނަމަވެސް މުހައްމަދު ޔޫސުފްގެ ކޮއްކޮ ބުނީ، ނ އަތޮޅުގެ ރިސޯޓަކަށް މުދާ ހިފައިގެން ދާންއުޅޭ ވާހަކަ، ނިމުނު ހަފްތާގައި އޭނާގެ ދޮންބެ ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، މުހައްމަދު ޔޫސުފާއި އޭނާ ކުރިން އުޅުނު ދޯންޏެއްގެ ފަޅުވެރިއަކާއި މައްސަލައެއް ޖެހިފައި އޮތް ކަމަށް އޭނާގެ ބައެއް ރައްޓެހިން ބުނެފައިވެއެވެ.

ގެއްލުނު މުހައްމަދު ޔޫސުފްގެ ފޭސްބުކް ޕޭޖުގައިވެސް އޭނާ ވަނީ، އޭނާ އުޅުނު ދޯންޏެއްގެ ފައިސާތަކެއް ހިފައިގެން ބިދޭސީއަކު ފިލާފައިވާ ކަމަށް ބުނެ އެބިދޭސީ މީހާގެ ފޮޓޯވެސް އޭނާގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. އެކަން ހިނގާފައި ވަނީ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.