ސިޓީ ކައުންސިލުންދޭ އާބާދީ އާއި ގުޅޭ ޚިދުމަތްތައް ކުރިން ވެށި ފަހި އޮފީސް ހިންގި އިމާރާތަށް މިއަދު ބަދަލުކޮށްފިއެވެ.
ވިހާ މަރުވާ ދަފްތަރާއި، އަދި ގޯތިގެދޮރުގެ ރެޖިސްޓްރީ އާއި ގުޅޭ ޚިދުމަތްތައް މިހާތަނަށް ދެމުން އައީ ހުރަވީ ބިލްޑިންގްގެ ފުރަތަމަ ފަންގި ފިލާގައެވެ.
ނަމަވެސް އެ ޚިދުމަތްތައް ސިޓީ ކައުންސިލުން މިއަދު ބަދަލުކޮށްފައި ވަނީ، ހުޅަނގު ހާބަރުގެ ފުޑުކޯޓުތަކުގެ އިރުން ހައުސިންގ މިނިސްޓްރީގައި ކުރިން ފްލެޓް ފޯމުތައް ހުށައެޅުމަށް ބޭނުންކުރި، އިއްޒުއްދީން މަގުން ވަދެވޭ ގޮތަށް ހުންނަ އިމާރާތަށެވެ.
ރެޖިސްޓްރޭޝަން ޚިދުމަތް އެއިމާރަތަށް ބަދަލުކުރުމާއި ގުޅޭގޮތުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ކުރިން މި ޚިދުމަތް ދެމުން ގޮސްފައި ވަނީ ވަރަށް ޖާގަ ދަތިކޮށްކަމަށާއި، އަދި އެކަމުގައި އާއްމުންނަށްވެސް ބޮޑެތި ތަކްލީފްތައް ދިމާވިކަމަށެވެ.
"ކުރިން ހުރަވީ ބިލްޑިންގ 1ވަނަ ފަންގިފިލާގައި ޚިދުމަތް ދިނީ. ޚާއްސަ އެހީއަށް ބޭނުންވާ މީހަކު އައިއްސިއްޔާ މުއައްޒަފުން ގްރައުންޑް ފްލޯއަށް ގޮސްގެން ޚިދުމަތް ދެނީ. މަޑުކޮށްލައިގެން ތިބޭނެ ޖާގަ ދަތި. ނަމަވެސް މިހާރު ޚިދުމަތް ހައުސިންގ މިނިސްޓްރީ ގްރައުންޑަށް ބަދަލުކޮށް، ޖާގަ ތަނަވަސްވެފައި، އަދި ވީލް ޗެއަރ އެކްސެސްވެސް ލިބޭނެ." ޝަމާއު ވިދާޅުވިއެވެ.
ރެޖިސްޓްރޭޝަންއި ގުޅޭ ޚިދުމަތްއެވަރެޖްކޮށް ދުވާލަކު 70 މީހުން ހޯދައެވެ. އަދި ސްކޫލް ބަންދު ދުވަސްތަކުގައި މި އަދަދު އިތުރުވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.