"ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު"ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.
އާރޓް ގެލެރީގައި ކުރިޔަށްދާ މި އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ވަނީ ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓް ޕީސް ދައްކާލާފައި ވެއެވެ. އެގޮތުން، ބައެއް އާރޓް ޕީސް ތައްޔާރުކުރުމުގައި ޕްލާސްޓިކް ބޭނުންކޮށްފައި ވެއެވެ. މި މައުރަޒުގެ ތީމް ކަމަށްވާ "ފަން ހާމަހާއި ޕްލާސްޓިކް ކޮތަޅު" އިން ދައްކުވައިދޭ ފަންހާ މަސް ރަމްޒުކޮށްދެނީ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ދިރުންތަކެވެ. އަދި ޕްލާސްޓިކް ކޮތަޅު ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ނުރައްކަލާއި ގޮންޖެހުންތަކެވެ.
މިއީ ޕްލާސްޓިކްގެ ސަބަބުން ގުދުރަތީ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރާމެދު އާއްމުންގެ ލޯތައް ހުޅުވާލަދީ، ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރަހާފައިވާ ކުރެހުންތަކެއްކަމަށް އީގާން ބުނެފައިވެއެވެ. އަދި މި ކުރެހުންތައް ތައްޔާރުކުރުމަށް 6 މަސް ދުވަސް ހޭދަވިކަމަށްވެސް އޭނާ ބުނެފައިވެއެވެ.