ޚަބަރު

ދ މާއެނބޫދޫގައި ހުރި ޑޮކްޓަރު ނިޔާވެއްޖެ


ދ މާއެނބޫދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ދ އެނބޫދޫގައި މަސައްކަތް ކުރައްވާ ބަނގުލަދޭޝްގެ ޑޮކްޓަރ، ސައިފުލް މުޒްނަބިން (31އ) އަހަރު ނިޔާވީ، ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

މިއަދު މެންދުރު މާއެނބޫދޫ ސިއްޙީމަރުކަޒަށް ޑޮކްޓަރު ގެންދިޔައީ، އެއްވެސް ހަރަކާތެއް ނެތިފައި އޮއްވައި ފެނިގެން އޭނާގެ އަނބިކަނބަލުން ސިއްޙީމަރުކަޒުގެ މުވައްޒަފުންނަށް އެންގުމުންނެވެ.

އަދި އޭގެ ފަހުން ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު، ހޮސްޕިޓަލަށް ގެނެވުނު އިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ނިޔާވި ޑޮކްޓަރު މާއެނބޫދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުންފެށިގެންނެވެ. އަދި އެ ޑޮކްޓަރު މާއެނބޫދޫގައި ދިރިއުޅުއްވަމުން ގެންދެވީ އަނބިކަނބަލުންނާއި އެކުގައެވެ.

ނިޔާވި ޑޮކްޓަރުގެ ހަށިގަނޑު ޤައުމަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގައި ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައި ވެއެވެ.