ރޭ ދަންވަރު 12އިން ފެށިގެން މިހާތަނަށް މާލެއަށް 64.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ހާމަކުރައްވައިފިއެވެ. 
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރޭ ދަންވަރު 12އިން ފެށިގެން ހުއްޓާނުލައި މާލެއަށްދަނީ ވާރޭ ވެހެމުންނެވެ. މެޓް އޮފީހުން ވިދާޅުވެފައިވަނީ މާލެއަށް ރެއިން ފެށިގެން މިހާތަނަށް 64.5 މިލމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. މާލެއަށް ރޭ ދަންވަރު ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ވަނީ ފެން ހިއްކުމުގައި ހަރަކާތްތެރިވެފައެވެ. 
ފެންބޮޑުވުމުގެ އިތުރަށް، ބާރު ވަޔާ އެކު އައި ކޮޅިގަނޑުގެ ސަބަބުން ފަރިދީ މަގުގައި ޑީބްލޫ މެރިން ފިހާރަ ހުންނަ ގޭގެ ބެލްކަނިން ބައެއް ވަނީ ވެއްޓިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ހުރި ވެހިކަލްތަކަށްވަނީ ގެއްލުންވެފައެވެ. 
މާލެ ސަރަހައްދުގައިވެސް ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވާއިރު، މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފްއިވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. 
މީގެ އިތުރުން ރޭ ދަންވަރު 3:15 އެހައިކަންޙާއިރުން ފެށިގެން މުޅިމާލެއިން ކަރަންޓުވެސް ކެނޑުނެވެ. މިމައްސަލަ މުޅިން ޙައްލުކޮށް އަލުން ކަރަންޓު ދެވުނީ ހެނދުނު 6:10 ހާއިރުއެވެ.