ޚަބަރު

ތިންވަނަ ހޮވިި މެޗުންވެސް ބަލިވެ، ރާއްޖެއިން ހުސްއަތާ މުބާރާތް ނިންމާލައިފި


އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން، އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވި މެޗުން ބަލިވެ، ދިވެހިރާއްޖެއިން ހުސް އަތާ މުބާރާތް ނިންމާލައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މުބާރާތުގެ ތިންވަނަ ހޮވަނަ ކުޅުނު މެޗުގައި ވަރުގަދަ ތުރުކުމަނިސްތާނާ ވާދަކޮށް، ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ރާއްޖެއަށްވުރެ މޮޅު ޓީމެއްކަމަށްވާ ތުރުކުމަނިސްތާނާ ދެކޮޅަށް ރާއްޖެއިން އެކަށީގެންވާ ކުޅުމެއް ކުޅުނު ތިން ސެޓުގައިވެސް ދެއްކިފައެއް ނުވެއެވެ. އަދި ތަކުރާރުކޮށް، ރާއްޖޭގެ ޓީމުންވަނީ ބޮޑެތި ގޯސްތަކެއް ހަދާފައެވެ. ނަތީޖާއެއްގެ ގޮތުގައި ތުރުކުމަނިސްތާނުންވަނީ ފަސޭހަކަމާއިއެކު 25-19، 25-20 އަދި 25-19ން މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅުނު 4 މެޗުގެ ތެރެއިން ކާމިޔާބު ކުރެވެނީ އެންމެ މެޗެކެވެ. މުބާރާތް ބާއްވާ ނޭޕާލާ ވާދަކޮށް، ރާއްޖެއިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް، ގްރޫޕް ސްޓޭޖުގެ ފުަރަތަމަ މެޗުގައި ކިރިގިސްތާނާ ވާދަކޮށް، ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނޭޕާލް ބަލިކޮށް، ސެމީ ފައިނަލަށް ދިޔަ ނަމަވެސް، ރާއްޖެވަނީ އުޒްބަކިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ.

ތިންވަނަ ހޮވަން ކުޅުނު މެޗަށްފަހު، ރާއްޖޭ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް، ލޯންގޭވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ނޭޕާލަށް ދިއުމުގެ ކުރިން ރާއްޖޭގައިވަނީ ސްރީ ލަންކާގެ ޤައުމީ ޓީމާއެކު ރަޙްމަތްތެރިކަމުގެ ތިން މެޗު ކުޅެފައެވެ. ނަމަވެސް، ތިން މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. އަދި މިދިޔަ މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމު ބައިވެރިވިނަމަވެސް، އެކަށީގެންވާ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. އައިއޯއައިޖީގައި ވާދަ ކުރުމުގެ ކުރިން ރާއްޖެއިންވަނީ ސާބިއާގައި 15 ދުވަހުގެ ކޭމެޕެއްވެސް ބާއްވާފައެވެ.

އަންނަ އަހަރު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ އަންހެން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.