އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން ( އިންޓަރޕޯލް ) ގެ ނެޝަނަލް ސެންޓްރަލް ބިއުރޯ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙުމަދު ނުޢުމާންއެވެ. އަދި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެއްޗާއި، ރާއްޖެއެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި ދިވެހިރާއްޖޭގެ ބޯޑަރ ސަރަޙައްދުގައި ހިންގާ ޤާނޫނާއި ޙިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަރޕޯލް މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރެވޭނޭ ނިޒާމެއް ޤާއިމްކުރުމެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، އިންޓަރޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރެވޭނެ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމާއި އެނޫނަސް ޤާނޫނާއި ޤަވާޢިދާ ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.