ޚަބަރު

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދޭންޖެހޭ - މިނިސްޓަރ


ޑޮކްޓަރުކަން ކިޔަވައިގެން ޚިދުމަތްކުރަން އަންނަ ކުދިންނަށްވެސް އިތުރަށް ކުރިއަށްދިޔުމުގެ ފުރުސަތު ހޯދައިދޭން ޖެހޭކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުއްﷲ އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ހިތުގެ އޮޕަރޭޝަން ކުރަމުންއަންނަތާ އެއްއަހަރުފުރުން ފާހަގަކުރަން އޭޑީކޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީއެއް ވަމުންގެންދަވާނެ ކަމަށެވެ. އެގޮތުން ބޭރުން ޑޮކްޓަރުކަން ކިޔަވައިގެން އައިސްއުޅޭ ދަރިވަރުންނަށް، އިތުރަށް ކިޔެވުމުގެ ފުރުސަތުތަކާއި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން މުހިންމު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭޑީކޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ މިއަދު ފާހަގަ ކުރަމުން މިދަނީ ސިއްޙީ ދާއިރާގެ ވަރަށްބޮޑު ކާމިޔާބީއެއްކަމަށެވެ. އެކަން ޔަގީންވެގެންދަނީ ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ޢަދަދު އިތުރުވުމުން ކަމަށްވެސް އައްފާލް ވިދާޅުވިއެވެ.

ރާއްޖޭގައި ހިތުގެ އޮޕަރޭޝަން ކުރަމުން އަންނަތާ އެއް އަހަރުވެފައިވާއިރު މިހާތަނަށް އޭޑީކޭއިން 21 އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެންމެ ދުވަސްވީ މީހަކަށް އޮޕަރޭޝަން ކޮށްފައިވަނީ 82 އަހަރުގެ ފިރިހެނެއް ކަމަށް އޭޑީކޭއިން ބުނެއެވެ. އަދި މިހާރުވެސް އެ އޮޕަރޭޝަން ކުރުމަށް 4 މީހުން ލިސްޓް ކުރެވިފައިވާ ކަމަށްވެސް އޭޑީކޭއިން މައުލޫމާތުދެއެވެ.