ޚަބަރު

ސުޝްމާ ސުވަރާޖު - މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ސިޔާސީ ސަހްޝިއްޔަތެއް


އިންޑިޔާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރުން އިންޑިއާގެ ސަރުކާރަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ. ސުޝްމާ ސުވަރާޖަކީ މި ސަރަހައްދުގައިވެސް އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ އަންހެން ސިޔާސީ ލީޑަރެކެވެ.

ސުޝްމާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަނާއަކީ ރާއްޖޭގެ ގާތް ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރ ވަނީ ސުޝްމާއަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން އައު ހަރުފަތަކަށް ގެނެސްދެއްވި އެންމެ މުހިއްމު މޭސްތިރިކަމަށް ވިދާޅުވެފައެވެ.

އިންޑިޔާގެ ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ކުރީ ސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ހީނަރުވެގެންދިޔަ ދުވަސްވަރުވެސް އެގުޅުން ބަދަހިކޮށް އުފެދުނު ނުތަނަވަސްކަން ނައްތާލުމަށް މުހިންމު ދައުރެއް ސުޝްމާވަނީ އަދާކުރައްވާފައެވެ. އަދި މި ސަރުކާރު އައުމަށްފަހު އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާއިރު، މިއަހަރުގެ ކުރީކޮޅު ރާއްޖެއަށް ވަޑައިގެން މުހިންމު މަޝްވަރާތަކެއްވެސް ވަނީ ކުރައްވާފައެވެ.

1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ޕަންޖާބް ސްޓޭޓަށް އުފަން ސުޝްމާ ސުވަރާޖަކީ އިންޑިއާގެ ސިޔާސީ ލީޑަރެކެވެ. އޭނާއަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބަހާރަތާ ޖަނަތާ ޕާޓީ ބީޖޭޕީއާއި މުޅި އިންޑިއާގައިވެސް ފާޙަގަކޮށްލެވޭ އަންހެން ސިޔާސީ ޝަހްސިއްޔަތެކެވެ. އޭނާ ވަނީ އިންޑިއާގެ ސަރުކާރުގެ މުހިންމު ގިނަ މަޤާމްތަކެއް ފުރުއްވާ އިންޑިއާއަށް އެކި ގޮތްގޮތުން މުހިންމު ޚިދުމަތްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ސުޝްމާ އަދާކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރުގެ މަޤާމެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރުގައި 2014 ވަނައަހަރުން ފެށިގެން މިއަހަރާ ހަމައަަށް އޭނާވަނީ އެ މަޤާމް އަދާކުރައްވާފައެވެ. އަދި އޭނާއަކީ އިންޑިއާގެ ތާރީޚުގައި އެކްސްޓަރނަލް އެފެރއަރޒް ކަން ކުރެއްވި ދެވަނަ އަންހެން ބޭޅުޅާއެވެ. އިންޑިއާގައި ފޮރިން އެފެއާޒްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ އިންދިރާ ގާނދީއެވެ.

ސުޝްމާ ވަނީ އިންޑިއާގެ ޕާލަމެންޓަށް 7 ފަހަރު އިންތިޚާބު ވެވަޑައިގެންފައެވެ. އަދި 3 ފަހަރު ލެޖިސްލޭިވް އެސެމްބްލީގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި 21 ޑިސެމްބަރ 2009އިން 26 މެއި 2014އަށް ޤާނޫނުހަދާ މަޖިލިސް ލޮކްސަބާގެ އިނދިކޮޅު ލީޑަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ސުޝްމާ ވަނީ އުމުރުން 25 އަހަރުގައި 1977ވަނަ އަހަރު އަރިޔާނާ ސްޓޭޓުގެ އެންމެ ޒުވާން ކެބިނެޓް މިނިސްޓަރުގެ މަޤާމްވެސް ފުރުއްވާފައެވެ. އަދި އޭނާއަކީ ދިއްލީގެ 5 ވަނަ ޗީފް މިނިސްޓަރކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 29 ޖެނުއަރީ 2003 އިން 22 މެއި 2004އަށް މިނިސްޓަރ އޮފް ޕާލަމެނޓްރީ އެފެއަރގެ މަޤާމް ފުރުއްވާފައިވާއިރު އޭނބާވަނީ 29 ޖެނުއަރީ 2003 އިން 22 މެއި 2004 މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ވެލްފެއަރގެ މަޤާމްވެސް ފުރުއްވާފައެވެ. މީގެ އިތުރުން 30 ސެޕްޓެމްބަރ 2000 އިން 29 ޖެނުއަރީ 2003 އަށް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ގެ މަޤާމްވެސް ފުރުއްވާފައިވެއެވެ.

އުމުރުފުޅުން 67 އަހަރުގެ ސުޝްމާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިވަޑައިގެނެވެ. އެކަމަނާ އަވަހާރަވިއިރު 1 ދަރިކަނބަލަކު ދުނިޔޭގައި އެބަ ހުންނެވިއެވެ.

އެކަމަނާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރުގެ މަޤާމުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރައްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާއިރު، އެކަމަނާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވެއެވެ.