ބ.އަތޮޅު ފެހެންދުއަށް ރާއްޖޭގެ އެންމެ އިސްވެރިޔަކު ނުވަރަ ރައީސުލްޖުމްހޫރިއްޔާ ރަސްމީ ޙައިސިއްޔަތުން ވަޑައިނުގަންނަވާތާ 40 އަހަރުފަހުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންފިއެވެ.
އާބާދީގައި އެންމެ 120 އަކަށް މީހުން ދިރިއުޅެމުން ގެންދާ ބ.ފެހެންދުއަކީ މިހާތަނަށްއައިއިރު ސަރުކާރުގެ އަޅާލުންކުޑަ ދިރިއުޅުމުގެ ފެންވަރު ދަށް ރަށެއްކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އެރަށަކީ ލަލާފުރުމުގެ ދަތިކަން ބޮޑު ރަށެކެވެ. އަދި ތަޢުލީމާއި ޞިއްޙީ ޚިދުމަތްވެސް އެކަށީގެންވާގޮތުގައި ނުލިބެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފެހެންދުއަށް ވަޑައިގެންނެވުމުން އެރަށުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުފައި ރައީސުލްޖުމްހޫރިއްޔާވަނީ ފެހެންދޫ ކައުންސިލަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާބެހޭގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ. އަދި ފެހެންދުއާއި އެރަށާ ޖެހިގެން އޮންނަ ގޮއިދޫ ކޯޒުވޭއަކުން ގުޅާލުމަށް ސަރުކާރުން ނިންމަވާފައިވާކަމާއި، އެކަމަށް ބޭނުންވާ ބަޖެޓުވެސް އިންޑިއާ ސަރުކާރުގެ އެހީގެދަށުން މިހާރު ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މިހާރު ކުރިއަށްދަނީ މިމަޝްރޫޢުގެ ޕްލޭނިންގެ މަސައްކަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެކަށީގެންވާ ތަޢުލީމީ ފުރުސަތުތަކެއް ނެތުމާއި، އެރަށު ސްކޫލުގެ ދަރިވަރުންގެ ޢަދަދު މަދުވުމުގެ ސަބަބުން ފެހެންދޫ ދަރިވަރުން ސްކޫލަށްދަނީ ކޮންމެދުވަހަކު ޑިންގީއެއްގައި ކަނޑުހުރަސްކޮށް ކައިރީގައި އޮންނަ ގޮއިދުއަށެވެ. ފެހެންދޫ ގޮއިދޫ ކޯޒުވޭގެ ސަބަބުން މިމައްސަލަ ޙައްލުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފެހެންދޫގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާވަނީ އެއަތޮޅު ފުޅަދުއަށްވެސް ވަޑައިގެންފައެވެ. އެމަނިކުފާނު މިރށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ފުޅަދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަކުރައްވައި ރަށުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ. އަދި މިރަށަކީވެސް ލަފާފުރުމުގެ މަސައްލަ ބޮޑު ރަށަކަށްވާތީއެކަން ޙައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ފެހެންދުއާއި ފުޅަދުއަކީވެސް ޤުދުރަތީ ރީކަން ލިބިފައިވާ ދެރަށްކަން ފާހަގަކުރައްވައި އެދެރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމާމެދު ރައީސްވަނީ ދެރަށުގެ ކައުންސިލްމެމްބަރުންނާ މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް ފުޅަދުއަކީ މިހާރުވެސް މިސަރަޙައްދުގައި ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވައި ރައީސްވަނީ މިމަސައްކަތް ފުޅާކުރެއްވުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ފުޅަދޫގައި މިހާރުވެސް ފަތުރުވެރިކަމުގެ 40 އެނދު ހިންގަމުންދެއެވެ.