ޚަބަރު

އަދީބު އިންޑިއާއަށް ފުރާވަޑައިގެންފި


ބޭސް ފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމާއެކު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މިއަދު ހެނދުނު އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.

އަދީބު ފަރުވާކުރައްވަން ވަޑައިގަތީ ލޮލުގެ ބައްޔަކަށެވެ. އެބައްޔަށް ރާއްޖެއިން އިތުރަށް ފަރުވާ ކުރެވެން ނެތިގެން އަދީބު ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާތީ އޭނާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ އެހެންގޮތެއް ނެތިގެންކަމަށް ހޯމްމިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ. އަދީބު ފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ މިދިޔަ ހަފުތާގައެވެ.

އަދީބާއެކު ޢާއިލާގެ ފަރާތުން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ފުރާވަޑައިގަތެވެ. މީގެއިތުރުން އަދީބާއެކު ފުލުހުންގެ ތިން އޮފިސަރަކާއި ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިޝަލަކު ވަޑައިގަންނަވާކަމަށް ސަރުކާރުންވަނީ ކުރިން ހާމަކުރައްވާފައެވެ. އަދީބުގެ ޕާސްޕޯޓު ދޫކޮށްފައިނުވާތީ އޭނާ ފުރާވަޑައިގަތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

ފަރުވާއަށް އިންޑިޔާއަށް ވަޑައިގަތުމަށްފަހު އަދީބު ފިއްލަވާފާނެކަމުގެ ތުހުމަތު ބައެއްފަރާތްތަކުން ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވަނީ ކަމާގުޅުންހުރި އިދާރާތަކުގެ ވެރިން އެކޮމިޓީއަށް ޙާޒިރުކޮށް ސުވާލުކޮށްފައެވެ. މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފިއްލެވުމުގެ ފުރުޞަތު އަދީބަށް ނުދެއްވާނެ ކަމަށާއި އަދީބު ފިއްލަވައިފިނަމަ އެއީ މުޅިސަރުކާރު ފޭލްވުންފަދަ ކަމެއްކަމަށެވެ.

އެހެންކަމުން އަދީބު ފުރާވަޑައިގަތުމުގެ ފުރުސަތު ދެއްވީ ނުފިއްލެވޭނެހެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވާފައިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. އަދި އަދީބާއެކު ފުލުހުންނާއި ކަރެކްޝަނުންގެ ފަރާތުން ވަޑައިގެންނެވި އޮފިސަރުން 24 ގަޑިއިރު ފާރަވެރިވާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.