ކުޅިވަރު

ކްރިކެޓްގެ ގަދަ ބާރުތަކެއްގެ މެދުގައި ރާއްޖެ އޮތުމަކީ ރާއްޖެއިން އޭގެ ފައިދާ ނަގަން ޖެހޭނެ ކަމެއް - މަހުލޫފް


ކްރިކެޓްގެ ގަދަ ބާރުތަކެއްގެ މެދުގައި ރާއްޖެ އޮތުމަކީ ރާއްޖެއިން އޭގެ ފައިދާ ނަގަން ޖެހޭނެ ކަމެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)އާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކްރިކެޓަކީ ރާއްޖޭގައި ކުޅެ، ކުރިއަރުވާ، ރަނގަޅުނަތީޖާތަކާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ބޮޑު ކުޅިވަރެއްކަމަށެވެ.

އައިސްލޭންޑަށް ފުޓުބޯޅައިގަ ކުރިއެރުން ލިބުނީ އެ ގައުމު ފުޓުބޯޅައިގެ ގަދަ ބާރުތަކުގެ މެދުގައި އޮތުމުން ފަހިވި ފުރުސަތުތަކުން ކަމަށާއި، އެފަދައިން ރާއްޖެއަށް ކްރިކެޓްގައި ކުރިއެރުމުގެ ފުރުސަތު އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިއާގައި ބާއްވާ މުބާރާތްތަކުގައި ރާއްޖޭގެ ޓީމްތަކަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

އަދި އިންޑިއާއިން އަފްޣާނިސްތާންގެ ކްރިކެޓް ކުރިއަރުވައިދިން ގޮތަށް، ބޭނުމަކީ ރާއްޖޭގެ ކްރިކެޓްގެ ބެލެނިވެރިކަމާވެސް އިންޑިއާ ހަވާލުވުންކަމަށެވެ.

އިންޑިއާއިން ދަނީ ރާއްޖޭގެ ކްރިކެޓް އޮތް ހާލަތު ދިރާސާކޮށް ކްރިކެޓް އިތުރަށް ކުރިއެރުވުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިންޑިއާގެ ހިލޭއެހީގެ ދަށުން އަޅައިދޭ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.