ޢަރަބި ގައުމުތަކުން ހަދިޔާކުރި ކަދުރުގެ ތެރެއިން މާލޭގެ ގޭބީސީތަކަށް ކަދުރުބަހަން ފަށަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ގޭބީސީތަކަށް ބެހުމަށް އިސްލާމިކް މިނިސްޓްރީން އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ 4268 ކަދުރު ޕެކެޓުކަމަށެވެ. އަދި މާލޭގައި ކަދުރު ބެހުމަށް މިނިސްޓްރީން އަންގާފައިވަނީ މީހުން ދިރިއުޅޭ ގޭބީސީތަކުގެ ޢަދަދު ބެލުމަށްފަހު މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓްގެ އުސޫލުން ކަމަށްވެސް އެބަޔާނުގައި ވެއެވެ. އެގޮތުން ފަގީރުންގެ ގޭބީސީތަަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދީގެން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ގޭބީސީތަކަށް ކަދުރު ބެހުމުގައި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންދަންޖެހެއެވެ. ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަންދޭނެކަމަށްވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި ކަދުރާއި ހަވާލުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުންވެސް ޝަރުތުގައި ވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކަދުރު ދޫކުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލްގެ އާންމު ޙިދުމަތްތަކާއި ބެހޭ ސެކްޝަނުން ކަމަށެވެ. ކަދުރު ދޫކުރާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30ން މެންދުރު 12:30ށެވެ. އަދި ރޭގަނޑު 9:00ން 10:30އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ހެނދުނު 9:30 ން މެންދުރު 12:00އަށް ކަދުރު ބަހާނެ ކަމަށާއި ހަމަ އެދުވަހުގެ ރޭގަނޑު 9:00އިން 10:30އަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.