މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލްއިން ވިދާޅުވީ މިއީ މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދުގައި ސްޓެރެޓިޖިކް ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.
މި ގުޅުމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެކަމަށް އެ ބޭންކުން ބުނެއެވެ. މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕާޓްނަރޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތް ހާމަވެގެންދާކަމަށެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ." ޝަރީފް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަރޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމުން ހިމެނެއެވެ. މީގެ ތެރެއިން ސީނިއަރ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައެވެ. އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް މިހާރުވެސް ހިނގަމުންދާކަމަށް ވަނީ ބުނެފައެވެ.