ޚަބަރު

ރަމަޟާން ކްރިކެޓް ކާނިވަލްގެ ގުރު ނަގައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ ރަމަޟާން ކްރިކެޓް ކާނިވަލްގެ ގުރުއަތުލުން ބާއްވައިފިއެވެ.
ޖުމްލަ ތިން މުބާރާތެއް ހިމެނޭ މި ކާނިވަލްގައި މިއަހަރު 33 ޓީމު ވަނީ ބައިވެރިވެފައިއެވެ. އެއީ އޯޕަން ޓޭޕްބޯލް ގެ ބައިން 12 ޓީމާއި، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ކުޅެވޭ މުބާރާތުގައި 5 ޓީމާއި، އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި 16 ޓީމެވެ.
މިއަހަރުގެ އޯޕަން ޓޭޕްބޯލް މުބާރާތް ކުރިއަށްދާނީ ރަމަޟާން މަހުގެ 2ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށެވެ. މިބައިގެ ކުޅުން ކުރިއަށްދާނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ.
ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތުގެ ކުޅުން މެއި މަހުގެ 18އިން 22 ނިޔަލަށް ކުރިއަށް ގެންދާއިރު، މިބައިގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.
ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތް ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ބުރު ނިމޭއިރު ކޮންމެ ގުރޫޕަކުންވެސް އެންމެ ވަރުގަދަ ޓީމު ސެމީފައިނަލަށް ދާނެއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މެއި 23 އިން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 58މެޗު ކުޅޭއިރު، މިއަހަރުވެސް މުބާރާތް ސްޕޮންސާ ކޮށްފައިވަނީ ނެސްލޭ މައިލޯއިންނެވެ.