ދިވެހިރާއްޖޭގެ މަޢުނަވީ ތަރިކަ ޚިމާޔަތްކޮށް ރައްކާތެރިކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.
20 މީހުންނާއިއެކު ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.
އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމްތައް މުސްތަގުބަލުގައި ހިނގަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި، ފޮތްފޮތުގައި ލިޔެފައިވާ މަޢުލޫމާތުގެ އިތުރުން، އަޑާއި، ފޮޓޯ ނުވަތަ ވިޝުއަލް ޑޮކިއުމަންޓް ހަދާނެގޮތް ކިޔައިދީފައިވެއެވެ. ހެރިޓޭޖް މިނިސްޓްރީން ބުނީ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މައުނަވީ ތަރިކައާއި ގުޅޭ މުއްސަނދި އިންވެންޓްރީއެއް ހެދުންކަމަށާއި ޝައުގުވެރިކަން ހުރި ފަރަތްތަކަށް މައުލޫމާތު އެއްކުރެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޤައުމީ އަރުޝީފާއި ޑިޕާރޓްމަންޓް އޮފް ހެރިޓޭޖާއި ޤައުމީ ދާރުލްއާސާރާއި ދިވެހި ބަހުގެ އެކެޑަމީއާއި ބައެއް ޖަމްޢިއްޔާތަކާއި، ތަރިކަ ޙިމާޔަތްކުރުމަށް އަމިއްލަގޮތުން މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގެ ބައިވެރިން ބުނީ މިއީ މުހިންމު މައުލޫމާތުތަކެއް އެނގި މައުލޫމާތު އެއްކުރުމަށް ޙިޔާލުތައް ލިބިގެން ދިޔަ ބައްދަލުވުމެއްކަމަށެވެ.
މި ބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޔުނެސްކޯގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ ޝުބާ ޗައުދްރީއެވެ. ހަތަރު ދުވަހުގެ މި ބައްދަލުވުމަކީ މަޢުނަވީ ތަރިކަ ދެނެގަންނާނެ ގޮތާއި، ތަރިކައަކީ ސައްޙަ އެއްޗެއްކަން ދެނެގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަރިކަ ރައްކާތެރިކޮށް ޚިމާޔަތް ކުރާނެ ގޮތްތައް ކިޔައިދިނުމަށްޓަކައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މިނިސްޓްރީ އޮފް ހެރިޓޭޖުން ދާދިފަހުންވަނީ ރާއްޖޭގައި ހުރި ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓެއްވެސް އެކުލަވާލާފައެވެ. މި ލިސްޓުގައި، އާސާރީ ބިނާތަކާއި، މިސްކިތްތަކާއި، ޒިޔާރަތްފަދަ ތަންތަން ހިމެނޭހެން، 400 އަށްވުރެ ގިނަ ތަން ހިމެނެއެވެ.