ޚަބަރު

13 އަހަރުގެ ރަޔާން އެންމެން ހައިރާން ކޮށްލައިފި


ދުބާއީގައި މިހާރު ކުރިއަށްދާ، އޭޝިއަން ކްރިކްޓް ކައުންސިލް ވެސްޓާން ރީޖަން، ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި، ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާ، މުޙައްމަދު ރަޔާން ތޮލާލް، މޮޅު ކުޅުމަކާއިއެކު އެންމެންގެ ސަމާލުކަން ހޯދައިފިއެވެ.

އުމުރުން އެންމެ ތޭރަ އަހަރުގެ ރަޔާން އޭނާގެ ހުނަރު އެންމެނަށް ސާބިތުކޮށްދީ، އޭސީސީގެ ސަމާލުކަން ހޯދީ، މުބާރާތައި ރާއްޖެއާއި އޮމާން ވާދަކުރި މެޗުގައެވެ. އެމެޗުން ހައިރާން ކުރުވަނިވި ގޮތަކަށް ރާއްޖެ ބަލިވިނަމަވެސް ރަޔާންއަށް އެމެޗަކީ ކާމިޔާބު މެޗެކެވެ.

އެމެޗުގެ ޓޮސް ދިމާވެގެން ފުރަތަމަ އިނިންގްސްގައި އޮމާއިން ބެޓުކުރިއިރު، ރާއްޖެއިން ވަނީ ސާޅީސް އޯވަރުގެ ތެރޭގައި އޮމާންގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްފައެވެ. އެންމެ 155 ލަނޑާއެކު އޮމާން އިން ފުރަތަމަ އިނިންގްސް ނިންމާލިއިރު، ވަރުގަދަ އޮމާން ހޫނުފެނަށް ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ، މުޅި މުބާރާތުގައިވެސް ކުޅެމުން އަންނަ އެންމެ ހަގު އެއް ކުޅުންތެރިޔާ، ރަޔާންއެވެ.

ރަޔާން ވަނީ މެޗުގައި 4 ވިކެޓް، 2 ކެޗް، ނަގާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިމާންގެ ޖީލް ޔަގްނޭޝް އަށްވުރެ ރަޔާންގެ މަދީ އެންމެ ވިކެޓެކެވެ.

ރަރާންގެ މޮޅު ކުޅުމަށް ތަޢުރީފުކޮށް ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ހެޑްކޯޗް ނިލަންތަ ކޫރޭ ބުނީ، އުމުރުން އެހާ ހަގު ރަޔާނަށް ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާ ހުނަރު ހުރި ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފައިވާކަމަށެވެ. ރަޔާން ދެއްކީ ތަޢުރީފު ޙައްޤު ކުޅުމެއް ކަމަށާއި ރަޔާންގެ ކުޅުން އެންމެ ފުރަތަމަ ފާހަގަވީ މުބާރާތުގެ ކުރިން ސާދަ އަހަރުން ދަށުގެ ޕޫލްއިން ކަމަށްވެސް ކޯޗް ބުންޏެވެ. އަދި ނަވާރަ އަހަރުން ދަށުގެ ފައިނަލް ސްކޮޑުން ރަޔާން ޖާގަ ހޯދީވެސް އެންމެން ހައިރާން ކޮށްލުމަށް ފަހުގައިކަމަށެވެ.

ކޯޗު ބުނީ، ރަޔާން އަކީ ކުރިމަގު އޮތް ކުޅުންތެރިއެއް ކަމަށާއި، ހިތްވަރާއިއެކު ކުރިއަށް ގޮސްފިނަމަ ކުރިކެޓުގައި ވިދާލާނެފަދަ ތަރިއަކަށް ރަޔާން ވެގެންދާނެ ކަމަށެވެ.

"ރަޔާން ދެއްކީ ތަޢުރީފު ޙައްޤު ކުޅުމެއް، ފުރަތަމަ ކަމަކަށް އެކަކުވެސް ހީނުކުރާނެ ކަން ނޭނގެ އެންމެ ތޭރަ އަހަރުގެ ކުއްޖެއް ނަވާރަ އަހަރުން ދަށުގެ ޓީމުން ޖާގަ ހޯދާނެ ކަމަށް، އެހެންވީމަ ރަޔާން ޓީމަށް ސެލެކްޓްވީވެސް އޭނާ އަކީ ހުނަރު ހުރި ކުޅުންތެރިއެއްކަން ސާބިތު ކޮށްދީފައި، ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ރަޔާންގެ ކުރިމަގުގައި އެބައޮތް، ކްރިކެޓްގައި ވިދާލާނެ ތަރިއަކަށް ވާނެ" ކޯޗް ނިލަންތަ ކޫރޭ ބުންޏެވެ.

މެޗަށް ފަހު އޭސީސީގެ ބައެއް އޮފިޝަލުންވެސް ވަނީ ރަޔާންގެ މޮޅު ކުޅުމަށް ތަޢުރީފު ކޮށްފައެވެ.