އިންޑިއާގެ ސިފައިންގެ ބަޔަކު ހެއްވާ މަޖާގޮތަކަށް ނަށާ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ. އެ ވީޑިއޯއިން ދައްކުވާދެނީ އިންޑިއާ ސިފައިންގެ ބަޔަކު ޔުނިފޯމްގައި ތިބެ ނަށަމުންދާ މަންޒަރެވެ. ސިފައިން ބަޔަކު ނަށާފައިވަނީ އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ފެރަލް ވިލިއަމްސްގެ ހެޕީ ކިޔާ ލަވައަށެވެ. މި ވީޑިއޯ އެންމެ ފުރަތަމަ ޓްވިޓަރގައި ޕޯސްޓްކުރި މަނޫ ޕަބީ ބުނާގޮތުގައި މި ވީޑިއޯގައި ނަށާފައިވަނީ އުއްތަރް ޕްރަދޭޝްގެ ގޮރަކްޕޫރްގައި ހުންނަ ވައިގެ ސިފައިންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސިފައިންގެ ބައެކެވެ. ނޫސްވެރިކަމުގެ އެވޯޑްތައް ހޯދާފައިވާ މަނޫ ޕަބީއަކީ އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ އިކޮނޮމިކް ޓައިމްސްގެ ސީނިއަރ އެޑިޓަރެކެވެ.
އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ޔުނިފޯމްގައި މޭޒެއް ދޮށުގައި އިން ވައިގެ ސިފައިންގެ މީހެއް އަތް ހޫރުވާ މަންޒަރެވެ. އެ އަންހެން މީހާ އަތް ހޫރުވާފައިވަނީ ލަވަޔާއި ވަރަށް ގުޅޭގޮތަކަށެވެ. އެ ވީޑިއޯގައި އަސްކަރީ ޑޮކްޓަރުންނާއި ނަރުހުންނާއި އެ ހޮސްޕިޓަލަށް ގޮސްތިބި ބަލި މީހުންވެސް ފެނެއެވެ. ޢާންމުގޮތެއްގައި ހޮސްޕިޓަލްތަކަކީ ވަރަށް ސީރިއަސް އެއްވެސް ވަރަކަށް މީހުން މަޖާކޮށް އުޅޭ ތަނެއްނޫންނަމަވެސް މި ވީޑިއޯގައި އެކަން އެއްވެސް ވަރަކަށް ދައްކުވާދީފައެއް ނުވެއެވެ. ދެ މިނެޓާއި ވިހި ސިކުންތުގެ މި ވީޑިއޯގައި ފެންނަނީ މުޅިންވެސް ހެއްވާ މަޖާކަމެވެ. މި ވީޑިއޯ ބަލާ އެންމެންނަށް އުފާވެރިކަން ގެނުވައެވެ.
މިއީ އިންޑިއާގެ ވައިގެ ސިފައިން މިގޮތަށް ހެދި ވީޑިއޯއެއް ޢާންމުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013ވަނަ އަހަރު މަޝްހޫރު ގަންގްނަމް ސްޓައިލް ލަވައަށް ހެދި ވީޑިއޯއެއްވެސް ވަނީ ވައިރަލްވެ، ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައެވެ.
އެންމެ ފަހުން ވައިރަލްވި ވީޑިއޯއަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ކޮމެންޓްކޮށްފައެވެ. އެ ވީޑިއޯ ވަރަށް ކަމުދިޔަ ކަމަށްބުނެ، އިތުރު ވީޑިއޯ ހެދުމަށް ބައެއް މީހުން އެދުނުއިރު، އަނެއް ބަޔަކު ބުނީ މިއީ އެ މީހުންނަށް ފެނުނު އެންމެ ކަމުދާ ވީޑިއޯކަމަށާއި އެ ވީޑިއޯ ފެނުމުން އުފާވެއްޖެކަމަށެވެ.
މި ވީޑިއޯ ހަދާފައިވާ ތާރީޚެއް އަދި ނޭންގެއެވެ.